ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުންގެ އަދަބު ލުއިކޮށްދޭން ރައީސް ނިންމަަވައިފި

06 Sep 2018 | 22:19

ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން އިތުރު ކުށެއް ނުކޮށް ފަސް އަހަރުވެފައިވާ މީހުންނަށް އަދަބު ލުއި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، މިގޮތަށް ނިންމެވީ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ ގިނަ ޢަދަދެއްގެ ބައެއްގެ ފަރާތުން ރައީސް އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، އެ މައްސަލަ މިއޮފީހުން ބެލިއިރު، މިފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމަޢުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުޞަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ، އެކަމުގެ ސަބަބުތަކުގެ ތެރޭގައި މިގޮތަށް ހުކުމްކުރެވި 18 ނުވަތަ 15 އަހަރު ފަދަ ގިނަދުވަސްތަކެއްވެފައިވާ މީހުން ތިބެފައި، މިފަދަ ގިނަ މީހުންތަކެއް މިހާރު، ޢައިލާއެއް ފަށައި، ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް، މުޖްތަމަޢުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމަޢުގެ އެހެން މީހުން ފަދައިން، ދިރިއުޅެމުން ގެންދާ ކަމަށެވެ. އަދި މިފަދަ ޙާލަތުގައި އެފަދަ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އެމީހުންގެ ކުދިންނާއި ޢާއިލާއަށް އަދި މުޖްތަމަޢަށްވެސް ފައިދާ ބޮޑުވާނި އެމީހުންނަށް ފުރުޞަތެއް ލިބިދިނުންކަމާއި، އަދި މިފަދަ ފުރުޞަތެއް ލިބިނުދެވިއްޖެނަމަ، އެފަދަ މީހުންނަށް ކުށުގެ ޤާނޫނީ ވެށިން ނިކުމެވޭނޭ އެހެން ގޮތެއް ނެތްކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މިގޮތަށް ހަމަޖެއްސެވި ނަމަވެސް މިފުރުޞަތުގެ ދަށުންވެސް، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް އެމީހެއްގެ މައްޗަށްކޮށްފައިވާ މީހަކަށް ފުރުޞަތެއް ލިބިނުދެވޭނެކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް