ފިރިހެނުންގެ ރީތިވުމާއި ބެހޭ ވިޔަފާރީގައި ދެކުނު ކޮރެޔާގެ ފިރިހެނުން އެންމެ ކުރީގައި

28 Jan 2019 | 20:32

ދެކުނު ކޮރިޔާގެ ފިރިހެނުން ދަނީ ޒަމާނުންސުރި ހުޅަނގުގެ ގައުމުތަކުގައި ފިރިހެނުންނަށް މާކެޓްކުރަން އުނދަގޫ އެތައް ރީތިވުމާއި ގުޅޭ އުފެއްދުންތަކެއް ގަންނަމުންނެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުތެރޭ ދެކުނު ކޮރެޔާ ވަނީ މުޅި ދުނިޔޭގައިވެސް ފިރިހެނުން އެންމެ ވަރުގަދަޔަށް ހަމުގެ ރީތިކަމާއި ގުޅޭ އުފެއްދުންތަށް ގަންނަ ގައުމަށްވެފައެވެ. މި ކިޔާ "މެންސް ބިޔުޓީ" ނުވަތަ ފިރިހެނުންގެ ރީތިކަމާ ބެހޭ ވިޔަފާރިއަށް ވަނީ 2011 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ދެމެދު %44 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ.

ދާދި ފަހުން ހެދުނު ސާރވޭއެއްގެ ނަތީޖާތަށް ދައްކާގޮތުގައި ދެކުނު ކޮރިޔާގެ ފިރިހެނުންގެ ތެރެއިން 3/4 ފިރިހެނުންނަކީ، ހަފްތާއަކު އެއްފަހަރު ސެލޫން ނުވަތަ ގޭގައި ރީތިވުމާއިގުޅޭ ކޮންމެވެސް ކަމެއް އާދަކޮށް ކުރަމުން އަންނަ ބަޔެކެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ދެކުނު ކޮރިޔާގައި ފިރިހެނުން ރީތިވުމުގެ ކަންކަން އެހާ ކުރިއަށް އަރާފައިވަނީ އެ ޤައުމުގައި އުފެދިފައިވާ "ކޭ-ޕޮޕް" ސަގާފަތުގެ ސަބަބުންނެވެ.

ޓީވީ ތަކާއި ބިލްބޯޑްތަކުން ފެންނަ އާދަޔާ ޚިލާފަށް ރީތި ފިރިހެން ތަރިން ނަކަލުކުރުމުގެ ތެރެއިން ދެކުނު ކޮރެޔާގެ ފިރިހެނުން ވަނީ، އެ ޤައުމުގައި މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ފިރިހެނުންގެ ރީތިވުމާބެހޭ ވިޔަފާރި ޤާއިމްކޮށްފައެވެ.

ކޮންމެ ފިރިހެންކުއްޖެއްވެސް މަޤްބޫލު ތަރިއެއްގެ "ލުކް" ނަކަލުކުރުމަށްޓަކައި އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ޑޮލަރެއް ޚަރަދުކުރެއެވެ. މީގެ އިތުރުން ދެކުނު ކޮރިޔާއަކީ ވަޒީފާތަކަށް ވާދަވެރިކަން ވަރުގަދަ ޤައުމަކަށް ވުންވެސް އެއީ ޒުވާން ފިރިހެންކުދިން ރީތިވުމަށްޓަކައި ކުރާ މަސައްކަތަށް ބާރުދޭ ކަމެއްކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން އެއްބަސްވެއެވެ.

ކޮންމެއަކަސް ދެކުނު ކޮރިޔާގައި މި ވިޔަފާރި ހިނގާވަރުން މިހާރު ގިނަ ކުންފުނިތަކުން ދަނީ ހުޅަނގުގެ ގައުމުތަކުގައިވެސް މިފަދަ ޓްރެންޑް އެއް ޤާއިމްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް ހުޅަނގުގެ ހިސާބުތަކުގައި ފިރިހެނަކު ރީތިވާ ގޮތާއި ދެކުނު ކޮރެޔާގައި ފިރިހެނުން ރީތިވާގޮތާމެދު އުޑާއި ބިމުގެ ފަރަޤު ހުރިކަންވެސް ފާހަގަކުރެވެއެވެ.

ކޮރެޔާގެ ފިލްމެއް ބަލާލުމަށްފަހު ދެން ކޮންމެ ހަފްތާއަކުވެސް ބަލާ އިނގިރޭސި ސީރީޒްއެއްގެ އެޕިސޯޑެއް ބަލައިލިޔަސް މިކަން ސާފުވާނެއެވެ.

ވިޔަފާރިތަކުން ހުޅަނގުގެ މާރކެޓްތަކަށް ފިރިހެނުންގެ ރީތީގެ ކަންތައް ތަޢާރަފްކުރަން ކެތްމަދުވެފައި ތިއްބަސް، އެ ގައުުމުތަކުގެ ފިރިހެނުންގެ މެދުގައި އެފަދަ އާދަކާދައެއް އާލާވެދާނެކަމާމެދު ޝައްކުއުފެދެއެވެ.

Advertisement

ކޮމެންޓް