ފަންނާނުންގެ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އުފައްދަނީ!

29 Jan 2019 | 12:08

ދިވެހި ފަންނާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކޮމިޓީއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޭ ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި، ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން އޮލިމްޕަހުގައި ކުރިއަށްގެންދިޔަ "ފަންނާނުންގެ ފޯރަމް 2019" ގައި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އެއްސެވުމަށްފަހު މިނިސްޓަރ ޔުމްނާ މައުނޫނެވެ.

ގިނަ އަދަދެއްގެ ފިލްމް ޑައިރެކްޓައުންނާއި ޕޮރޮޑިއުސަރުން ބައިވެރިވި މި ބައްދަލުވުމުގައި ފިލްމް އުފެއްދުމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބައިވެރިވި ފަރާތްތަކުން ވަނީ މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެންސީއޭއާއި ފިލްމް އެސޯސިއޭޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށްދިނުމާއި އަތޮޅު ތެރޭގައި ފިލްމު ދެއްކޭނެ ނިޒާމެއް ގާއިމުކުރުމަށް ސިނަމާ ހޯލް ހެދުމަށް ޚިޔާލު ހުށައެޅިގެން ދިޔައެވެ.

ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރ ޔުމްނާ ވިދާޅުވިގޮތުގައި، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، އެއްވެސް ފަރާތަކާމެދު ތަފާތު ކުރުމެއް މި ސަރުކާރުން ނުގެންގުޅުއްވާނެކަމަށެވެ.

ކަންކަމުގައި ޚިޔާލާއި މަޝްވަރާ ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މައްސަލަތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދައިދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ކުއްލިއަކަށް ހުރިހާ ކަމެއް ހައްލުވެ ނުގޮސް ހިނގައިދާނެ ކަމަށާއި ނަމަވެސް އެއީ މިސަރުކާރުން ކަންތައް މަޑުޖައްސާލާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެކި މައްސަލަތަކާ ގުޅިގެން ކޮމިޓީ މިހާތަނަށް ހަ ކޮމިޓީއެއް ވަނީ އުފައްދަވާފަ އެވެ.

Advertisement

ކޮމެންޓް