Advertisement

ޖަޕާނުގެ އޮރިގަމީ ފަލަސްތީނުގެ ގާޒާއަށް ގެނެސްދިން ޒުވާން ހުނަރުވެރިޔާ

22 Feb 2019 | 17:19

ފަލަސްތީނުގެ ގާޒާ ސިޓީގައި ކުޑަކުޑަ ސްޓޫޑިއޯއެއް ގެންގުޅޭ ޒުވާން އާރޓިސްޓް އަހްމަދް ހުމައިދް އަކީ ވަކި ވަޒީފާއެއް އަދާކުރާ މީހެއް ނޫނެވެ. އެކަމަކު ބާ ދަގަނޑުންވެސް އެކި ވައްތަރުގެ އާރޓްް ތައްޔާރުކުރާ ހުމައިދު މިހާރު ދަނީ އޭނާގެ އާރޓް ތައްޔާރުކުރުމުގައި މުޅިން ތަފާތު އުކުޅުތަކެއް ބޭނުންކުރަމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން އިސްރޭލާއި މިޞްރުގެ ފިއްތުންތަކުގެ ސަބަބުން މުޅި ދުނިޔެއަށްވެސް ބަނދުވެފައިވާ ގާޒާ ސްޓްރިޕަށް 29 އަހަރުގެ ހުމައިދު ގެނެސްދެނީ ޖަޕާނުގެ މަޝްހޫރު އޮރިގަމީ، ނުވަތަ ކަރުދާސް ފަށްޖެހުމެވެ ސަޤާފަތެވެ.

ފަލަސްތީނުގެ ގާޒާ ސްޓްރިޕަކީ ހަނގުރާމައިގެ ސަބަބުން އެތައް ބައިވަރު ނުތަނަވަސްވުންތަކެއް ކުރިމަތިވެފައިވާ ހިސާބެކެވެ. ގެތަށް ފުނޑުފުނޑުވެ، އާއިލާތަށް ރޫޅިފައިވާ ގާޒާގައި ހަމަ ގައިމުވެސް ފަތްޖަހާފައި އޮތް ކަރުދާސްކޮޅަކަށްވުރެ މީހުން އަހަންމިއްޔަތު ދޭނެ އެތައް ކަމެއް ހުންނާނެއެވެ.

ޒުވާން ފަންނުވެރިޔާ ހުމައިދުގެ މަސައްކަތަށް ތަރުހީބުދޭނެ ފަރާތްތަކެއްވެސް ގާޒާގައި އުޅޭކަން އޭނާ ފާހަގަކުރެއެވެ. ހުމައިދު ބުނާ ގޮތުގައި އޭނާ ވަނީ ޖަޕާނުގެ އޮރިގަމީ ސަޤާފަތް ނަކަލުކޮށް ފޮތެއް ނަގައި، އެ ފޮތުގެ ހުރިހާ ގަނޑުތަކެއް އަކުރުތަކެއް ސިފަވާގޮތަށް ފަށްޖަހުމަށްފަހު މީހަކަށް ވިއްކާލާފައެވެ. އަދި ނުސެއިރަތް ރެފިޔުޖީ ކޭމްޕްގައި ދިރިއުޅޭ ހުމައިދު ވަނީ އެކި ފަރާތްތަކަށް އޮރިގަމީގެ 45 އެތައް މަސައްކަތެއް ވިއްކާލާފައެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ އުފެއްދުންތަކަށް އެންމެ ބޮޑު ތަރުހީބެއް ލިބެނީ އެކަކު އަނެކަކަށް ހަދިޔާ ފޮނުވަން ބޭނުންވާ ޒުވާން ލޯބިވެރިންގެ އިތުރުން، ކައިރި ހިސާބުތަކުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކުންނެވެ.

ހުމައިދަކީ އެއްވެސް ވަރަކަށް އޮރިގަމީ ގެ އުކުޅުތަށް ކިޔަވައިގެންހުރި ފަންނުވެރިއެއް ނޫނެވެ. އޭނާ އޮރިގާމީ ދަސްކުރީ "އިންސްޓަގްރާމް" އިން ފެނުނު ފޮޓޯތަކަކުން އެކަމަށް ޝައުޤުވެރިކަން އުފެދިގެންކަމަށްވެސް އޭނާ ވަނު ބުނެފައެވެ. މީސް މީޑިއާ މެދުުވެރިކޮށް ޖަޕާނަށް ނިސްބަތްވާ އޮރިގަމީ އާރޓިސްޓުންނާ މުޢާމަލާތްކޮށް، ހުމައިދަށް އެކަނި އިނދެ އެންމެ ފުރަތަމަ އޮރިގަމީ އުފެއްދުން ނިންމަން 15 ގަޑިއިރު ނެގިކަންވެސް ހުމައިދުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

ގާޒާގެ އާބާދީގެ %50 އަށް ވުރެ ގިނަ މީހުންނަކީ ވަޒީފާއަކާށް ނުގޮސް އާމްދަނީ އެއް ނުލިބޭ މީހުން ކަމަށްވާއިރު، މިފަދަ ހުނަރަކުން އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖެހުމުން ގިނަ ބައެއްގެ ސަމާލުކަންވަނީ ހުމައިދުގެ މަސައްކަތަށް ހުއްޓިފައެވެ.

ހުމައިދު އެންމެ އެދެނީ އޭނާގެ ވިޔަފާރި ގާޒާއިން ބޭރަށް ފުޅާކުރަންކަމަށްވާއިރު، އިސްރޭލާއި މިޞްރުން ދަނީ ގާޒާއިން އެއްވެސް މުދަލެއް ބޭރުނުކުރެވޭގޮތަށް އެ ސަރަހައްދު ބަންދުކޮށް، ދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް ހުރަސްއަޅަމުންނެވެ. 

ހުމައިދުގެ ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އެ ގައުމެއްގައި އޮރިގަމީ އުފަންވި ޖަޕާނަށް ޒިޔާރަތްކުރުންކަމަށް އޭނާ ވަނީ ބުނެފައެވެ. އެއީ މި އާރޓްގެ އެންމެ މޮޅެތި ފަންނުވެރިންނާއި، އެމީހުންގެ މަސައްކަތްތަކާއި އިތުރަށް ގާތްވުމަށްކަމަށްވެސް ހުމައިދު ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް