Advertisement

ސިއްރު ކައިވެންޏަކަށްފަހު މައިލީ ސައިރަސް އަދި ލިއަމް ހެމްސްވޯތްގެ އަލަތު ފެނުން!

31 Jan 2019 | 07:09

މިދިޔަ އަހަރުގެ ޑިސެމްބާރ މަހު ފަނޑުގޮތަކަށް ކައިވެނިކުރި މައިލީ ސައިރަސް އަދި ލިއަމް ހެމްސްވޯތް ވަނީ، ކައިވެންޏަށްފަހު އަލަށް އާންމުންގެ ތެރެއަށް ނިކުމެފައެވެ. ކެލިފޯރނިއާގެ ލޮސް އެންޖެލިސްގައި ބޭއްވުނު "ގ'ޑޭ ޔޫ.އެސް.އޭ ގާލާ" އިން ފެނިގެންދިޔަ މި ދެ ތަރިން ވަނީ ނޫސްވެރިންނާ ވާހަކަދައްކާލަންވެސް ވަގުތުކޮޅެއް ހުސްކޮށްފައެވެ. އަދި ގާތްގަނޑަކަށް 10 ވަރަކަށް އަހަރު އެކީ ހޭދަކޮށްފައިވާ މައިލީ އާއި ލިއަމް ގެ ކައިވެނީގެ ޚަބަރާއިމެދު އާންމުންގެ ތެރޭގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

29 އަހަރުގެ ހެމްސްވޯތް ވަނީ މައިލީއާއެކު ޒަވާޖީ ހަޔާތެއް ފެށުމަކީ، އޭނާގެ ނަސީބު ރަނގަޅުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް ސިފަކޮށްފައެވެ. އަދި މައިލީގެ ވާހަކައިގައި އޭނާ ވަނީ، އެހާ ގިނަދުވަހު އެކުގައު އުޅުމަށްފަހު، އޭނާއާއި ލިއަމްގެ ދިރިއުޅުމުގައި ކައިވެނި ކުރުމުން މާ ބޮޑު އެއްޗެއް ބަދަލުވިހެން ހީނުވާކަން ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، މިހާރު އޭނައާއި ލިއަމްއަކީ ދެމަފިރިންނަށް ވުމުގެ ސަބަބުން ބައެއް ކަންތައްތައް ތަފާތުވެފައިވާކަންވެސް މައިލީ ފާހަގަކުރިއެވެ. ގިނަ ދުވަސްތަކެއް ރަށްޓެހިވެ ރުޅިވުމުގަ ހޭދަކުރި ޒުވާން މި ދެ ތަރިން ސިއްރުން ކައިވެނި ކުރުން ވެގެންދިޔައީ އެމީހުންގެ ފޭނުން ސިއްސުވާލި ބޮޑު ކަމަކަށެވެ.

މައިލީ އާއި ލިއަމް އަލަށް ވެސް ދިމާވީ 2009 ވަނަ އަހަރުގެ މަޝްހޫރު ލިޔުންތެރިޔާ ނިކޮލަސް ސްޕާރކްސްގެ ފިލްމު "ދަ ލާސްޓް ސޯންގް" ގެ ސެޓް އިންނެވެ. އެ ފިލްމުގައި އަންހެން ލީޑް ރޯލެއް އަދާކުރީ މައިލީއެވެ. އަދި ފިރިހެން ލީޑް ރޯލުން މައިލީއާއެކު ފެނިގެންދިޔައީ އޭނާގެ މިހާރުގެ ފިރިމީހާ ލިއަމް އެވެ.

ކުރީގައި ޑިސްނީ ޗެނަލްއިން މަޤްބޫލުވެގެންދިޔަ މައިލީ އާއި ލިއަމް ކައިވެނިކުރީ އެމެރިކާގެ ސްޓޭޓޭއް ކަމަށްވާ ޓެނެސީގެ ނޭޝްވިލް ހިސާބުގައެވެ. ކައިވެނި ކުރުމަށްޓަކައި މި ދެމަފރިން ބޭއްވި ކުޑަ ހަފްޟާގައި ބައިވެރިވެފައިވަނީ ދެފަރާތުގެވެސް އާއިލާއާއި މަދު ގާތް ރަހުމަތްތެރިންކޮޅެކެވެ. އަދި މައިލީއާއި ލިއަމްގެ ކައިވެނި ޕާޓީ އެމީހުން ބޭއްވީ ނޭޝްވިލްގައި ހުންނަ އެމީހުން ދިރިއުޅޭ ގޭގައެވެ.

މައިލީ ބުނީ ކައިވެނީގެ ރަސްމިއްޔާތު ކުޑަކޮށް ބޭއްވީ ގަސްތުގަކަމަށާއި، އެހާ އަވަސް އަރުވާލައިގެންވިޔަސް، އޭނާގެ ދިރިއުޅުމުގައި ބައިވެރިވާ އެންމެ މުހިންމު މީހުންނާއެކީ އޭނާގެ ކައިވެނީގެ ދުވަސް ފަދަ ބޮޑު ދުވަހެއް ހިއްސާކޮށްލަން ލިބުނީތީ ވަރަށް އުފާވާކަމަށެވެ.

Advertisement

ކޮމެންޓް