ރައީސް ސާލިހް ތިވިދާޅުވީ ކީކޭތޯ ވީއައިއޭ ޓާމިނަލް ޕްލޭނެއް އަސްލުވެސް ހަމަނެތީތޯ؟!

01 Feb 2019 | 06:30

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަދާ 300 މިލިޔަން ޑޮލަރ ނުވަތަ 4.6 ބިލިޔަން ދިވެހި ރުފިޔާގެ އައު ފަސިންޖަރ ޓާމިނަލްގެ ތަބުތައްޖަހައި ހަދަނީ އެއްވެސް ޕްލޭނެއްނެތިކަމަށާއި މީގެކުރިން އެޕްރޮޖެކްޓާއިބެހޭގޮތުން ކުރީގެ ސަރުކާރުން ދައްކާފައިވަނީ ހަގީގީ ވާހަކަތަކެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

ޓާމިނަލް ނިމުމުން އަހަރަކު 7.5 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭވަރުގެ ތަނަކަށް އާޓާމިނަލް ވެގެންދާނެކަމަށް ކުރީގެ ސަރުކާރުން ބުނެފައިވަނީވެސް ރަނގަޅަށްނޫންކަމަށާއި އެމަނިކުފާނު އެޕްރޮޖެކްޓްގެ ލިޔެކިޔުންތައް ބެލުމުން އެގުނީ އެތަނުން ޚިދުމަތްދެވޭނީ އަހަރަކު 3.7 މިލިޔަން ފަސިންޖަރުންނަށްކަމަށްވެސް ރައީސް ސާލިހް އެދުވަހު ވިދާޅުވިއެވެ. ސާލިހް ވިދާޅުވީ އެއަރޕޯޓްގައި ހިނގާ ޕްރޮޖެކްޓްތަކަށްބަލާނަމަ އެކަހަލަ އެތައްއެތައް ކަމެއް އެމަނިކުފާނަށް ފާހަގަކުރެވެން އެބަހުރިކަމަށެވެ.

އަޅުގަނޑު ހައިރާންވީ ބޭރު ގައުމުތަކުގެ ލޯން އެހީގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން އައިސްތިބެގެން އެކުންފުނިތަކުގެ ބެލުމުގެ ދަށުން މަސައްކަތް ހިނގާ ތަނެއްގައި އެއްވެސް ކުރެހުމެއްނެތޭ ރައީސް ވިދާޅުވުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފެނިވަޑައިނުގަތްނަމަވެސް އާޓާމިނަލްގެ ކުރެހުންތަކެއް ކުރީގެ ސަރުކާރުން ދައްކާލާފައިވެއެވެ. ރައީސް ސާލިހްގެ ވާހަކަފުޅަށްފަހު ވޮއިސްއާ ވާހަކަދެއްކެވި އެމްއޭސީއެލްގެ ވެރިޔަކު ވިދާޅުވިގޮތުގައި ރައީސް ވާހަކަފުޅުދެއްކެވީއަކީ މުޅިއަކުން ރަނގަޅުމައުލޫމާތުގެ މައްޗަށް ބިނާކޮށެއްނޫނެވެ.

އައު ޓާމިނަލް އެޅުމަށްޓަކައި ސައޫދީ ބިންލާދިން ގްރޫޕާއި ޕްރޮޖެކްޓް ހަވާލުކުރުމުން، ޓާމިނަލްގެ ކޮންސެޕްޓާއި ކޮންސްޓްރަކްޝަން ޑިޒައިން ތައްޔާރުކުރުމަށް އެސްބީޖީން ހަވާލުކުރީ ފަރަންސޭސި އެންމެވަރުގަދަ އިންޖިނިއަރިން އެއް ކުންފުނިކަމުގައިވާ އެސްއީޓީއީސީ އިންޓަރނޭޝަނަލް ގްރޫޕާއެވެ. އެކުންފުނިން ތައްޔާރުކޮށްދިން ވެލާނާ އިންޓަރނޭޝަނަލް އައު ޓާމިނަލް ބިލްޑިންގެ ކޮންސެޕްޓާއި ޑިޒައިން އެކުންފުނީގެ ވެބްސައިޓުންވެސް ފެންނާން އެބަހުއްޓެވެ. އަދި އަޅުގަނޑަށް ލިބުނު ޕަބްލިކަށް އާއްމުކޮށްފައިހުރި އެމްއޭސީއެލްގެ މިޕްރޮޖެކްޓާއިބެހޭ ޑޮކިއުމަންޓްތަކުގެތެރޭގައިވެސް އެހުރީއެވެ. ކޮންސެޕްޓާއި ޑިޒައިނަށް ބަލާލުމުން ފެންނަން އޮތް މަންޒަރަކީ ދެކުނު އޭޝިޔާއިންވެސް ފެންނާނެ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖިކަލް ރޮނގުން ކުރިއަރާފައިވާ އެއަރޕޯޓަށް ދިވެހި ރާއްޖޭގެ އެއަރޕޯޓް ވެގެންދާނެކަމެވެ.

އައުޓާމިނަލްގެ ޑިޒައިންބުނާގޮތުން މިއީ މިހާރު ހުރި ޓާމިނަލްގެ އޭރިއާ ބޮޑުމިންކަމުގައިވާ 25 ހާސް މީޓަރުގެ ތިންގުނަ ބޮޑު 78 ހާސް އަކަމީޓަރުގެ ބޮޑުމިން ހުރި ތަނެކެވެ. މިހާރު ހުރި ޓާމިނަލްއިން އަހަރު 2.5 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދޭއިރު އޭގެ ތިންގުނަ ބޮޑު ތަނެއް ހަދައިގެން ޚިދުމަތްދެވެނީ 3.3 މިލިޔަން ފަތުރުވެރިންނަށްކަމަށް ރައީސް ވިދާޅުވީ މިޕޮރްޖެކްޓާއިބެހޭ ކޮންމައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްބާވައެވެ. އެއީ އެކަމަށްޓަކައި ޔޫކޭގެ ފާމެއް ލައްވައި ކޮށްފައިވާ ފީޒިބިލިޓީ ސްޓަޑީއިންދައްކަނީ 7.5 މިލިޔަން ފަސިންޖަރުންނަށް އަހަރު ޚިދުމަތްދެވޭނެކަން ކަމަށްވާތީއެވެ.

އަނެއްކާ ކޮންސެޕްޓް ޑިޒައިން ކުރި ފަރަންސީސި ކުންފުނިންވެސް އެކުންފުނިން ކޮންސެޕްޓް އެކުލަވައިލީ އެވަރުގެ ކެޕޭސިޓީއަކަށް ކަމަށް ބުނެފައިވާތީއެވެ. މިއީ އިންޓަރނޭޝަނަލް ބޮޑެތި ފާމްތަކެވެ. އެފާމްތަކުގެ ވެބްސައިޓްތަކުގައި ހުރި އެއްޗެއް ބަލާލީމާ އެހުރީ ފެންނާށެވެ.

އަނެއްކަމަކީ ޕްރޮޖެކްޓުގެ ކޮންސަލްޓެންޓުން އެޕްރޫވް ނުކޮށް ޕްރޮޖެކްޓުގެ ލޯންފަންޑިން ރިލީޒް ކުރާނެތޯއެވެ؟ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓުންނަކީ އިންޑަސްޓްރިއަލް އަދި އިންފްރާންސްޓަރަކްޗަރ މަޝްރޫއުތަކަށް ކޮންސަލްޓެންސީ ޚިދުމަތްދޭ ސިންގަޕޫރުގެ އުރްބާނާ އިންޓަރނޭޝަނަލް އެވެ.

ވެލާނާ ޓާމިނަލް ޕްރޮޖެކްޓް މެނޭޖްކޮށް، ސުޕަރވައިޒްކޮށް، އިންޖިނިއަރިން ރިވިއު ކުރަމުންދަނީ އެކުންފުނިކަމަށް އަޅުގަނޑުމެންގެ ކުރިމަތީގައި އެއްބަސްވުމެއްގައި ސޮއިކޮށް އެކުންފުނީގެ ވެބްސައިޓްގައިވެސް އެކަމުގެ ތަފްސީލުތައް އެހުރީ ފެންނާށެވެ. މިޕްރޮޖެކްޓްގެތެރޭގައި މަސައްކަތްކުރަން އެކިގައުމުތަކުގެ ސަބްކޮންޓްރެކްޓަރުން ތިބިނަމަވެސް ޕްރޮޖެކްޓް މެނޭޖްކުރާ ފަރާތަށް ނޭނގި އެންމެ ތަނބެއްވެސް އެތާގައި ނުޖަހާނެއެވެ. އަދި އެއްވެސް ޕްލޭނެއް ނެތި މަސައްކަތްކުރުމަކީ ދުނިޔޭގެ މިވަރުގެ ބޮޑެތި ކުންފުނިތަކުން ކުރާނެކަމެއް ނޫންކަން އެއީ ސުވާލެއްވެސް އުފެދޭވަރުގެ ކަމަކަށް ނުވެއެވެ.

ޕްރޮޖެކްޓަށް ބޭނުންވާ 300 މިލިޔަން ޑޮލަރުގެ ލޯން ފައިނޭންސް ފޯރުކޮށްދެނީ އަރަބި ގައުމުތަކުންނެވެ. ސައޫދީ އަރަބިއްޔާއާއި އަބޫދާބީއާއި ކުވޭތުފަންޑާއު އޯފިޑުންނެވެ. ޕްރޮޖެކްޓްގެ ހުރިހައި ތަފްސީލުތަކެއް ނުލިބެނީސް ފަންޑިން އެޖެންސީތަކުން ނުވަތަ ގައުމުތަކުން ފައިސާ ދޫނުކުރާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

ޕްލޭނެއްނެތްކަމަށް ވިދާޅުވި ސަބަބަކީ؟

ތެދުފުޅެކެވެ. ޓާމިނަލްގެ އިންޓީރިއާ ޑިޒައިނިންގެ ޕްލޭނެއް އަދި ނެތެވެ. ވޮއިސްއަށް މައުލޫމާތު ދިން އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ އައު ސަރުކާރު ހަވާލުވިއިރު އިންޓީރިއާ ޑިޒައިން ބަހައްޓާނެގޮތުގެ މަޝްވަރާތަކަށް އޮތީ ތައްޔާރުވެފައެވެ. އެމަޝްވަރާތަކުގައި ބައިވެރިވާން އޮތީ އެމްއޭސީއެލްއާއި ޕްރޮޖެކްޓް ކޮންސަލްޓަންޓުންނާއި ޓާރމިނަލް ޑިޒައިންކުރި ފްރެންޗް ކޮމްޕެނީގެ ޓީމްތަކުންނެވެ. އިންޓީރިއާ މަސައްކަތަކީ މިޕްރޮޖެކްޓްގެ ވަރަށް ބޮޑު މަސައްކަތެކެވެ. އެމަސައްކަތަށް 2 އަހަރެއްހާ ދުވަސްވަރުވެސް ނަގާފާނެކަމަށް އޮތީ ބެލެވިފައެވެ.


ވެލާނާ އެއަރޕޯޓްގެ އެހެން މަސައްކަތްތަކުގެތެރެއިން ބިޔަ ރަންވޭ އެއޮތީ ސިންގަޕޫރުގެ ޗަންގީގެ ބެލުމުގެ ދަށުން އަޅައި ނިންމާފައެވެ. އެހެރަ ބިޔަ ފިއުލްފާމްތައް ހަދައި އެނިންމަނީ ޗައިނާގެ ޓެކްނޮލޮޖީގެ ރޮނގުން އެންމެ ވަރުގަދަ އެއްކުންފުންޏެވެ. މިއިން ކޮންމެ ތާގީއަކަށް މިހާރު އެއަރޕޯޓްގައި ހުރި ހައެއްކަ ތާނގީގައި ޖަމާކުރާވަރަށް ފިއުލް އެޅޭނެއެވެ. ރައީސް ސާލިހް ވިދާޅުވީ އާ ރަންވޭ ބޭނުންކުރަންފަށާނީ ޓާމިނަލް އަޅައި ނިމުމުންކަމަށެވެ. 

އެއީ ސަރުކާރުން ނިންމަންވީ ނިންމެވުމެކެވެ. އޭގެމާނައަކީ ރަންވޭ ނުނިމިއޮތުމެއްނޫނެވެ. އެރަންވޭއަށް ޖައްސަން ޕްލޭންކޮށްފައިވާ އެންމެ ބޮޑެތި ބޯޓްފަހަރުތައް ޖައްސައިގެން ޚިދުމަތްދެވޭވަރަށްވުރެ މިހާރުހުރި ޓާމިނަލްގެ ޖާގަ ކުޑައެވެ. އެކަމަކު ރާއްޖެއަށް މިހާރު ދަތުރުކުރާވަރުގެ މަތިންދާ ބޯޓް ނުޖެއްސެންވީ އެއްވެސް ސަބަބެއް ނެތެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާމެދު މިހާ ނާއުއްމީދީ ވާހަކަފުޅެއް ރައީސް ސާލިހް ދެއްކެވީ ކީއްވެގެންތޯއެވެ. އެއްސަބަބަކަށް ވެދާނެކަމަށް ބެލެވެނީ ރައީސަށް މިޕްރޮޖެކްޓްގެ ފުރިހަމަ މަންޒަރު އެމްއޭސީއެލްގެ ބޭފުޅުން ނުދެއްވުމެވެ. ނުވަތަ ރައީސަށް ފަހުމްވެވަޑައިނުގަތީއެވެ. ނުވަތަ މިޕްރޮކެޓަކީ އެމްޑީޕީން ވަރަށް ބޮޑަށް ދެކޮޅު ހަދައި ފާޑުކިޔަމުން އަންނަ ޕްރޮޖެކްޓަކަށްވާތީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވިކަން ފާޅުކުރެއްވުމެވެ. 

އެމްޑީޕީން މިމަޝްރޫއަށް ދެކޮޅު ހަދަނީ އިންޑިޔާގެ ޖީއެމްއާރުއަތުން އެއަރޕޯޓް އަތުލައި ދިވެހި ސަރުކާރުގެ ކޮންޓްރޯލް އޮންނަގޮތަށް ޕްރޮޖެކްޓް ހިންގާތީއެވެ. މިހާތަނަށް އެމްޑީޕީގެ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުންގެންގޮސްފައިވަނީ އެމްޑީޕީގެ ސަރުކާރެއްގައި ވެލާނާ އެއަރޕޯޓް އަބުރައި އިންޑިޔާގެ ޖީއެމްއާރަށް ހޯދައިދޭނެކަމަށެވެ. ނަޝިދު ބާރުއަޅުއްވައިގެން އެމްޑީޕީގެ މިހާރުގެ ސަރުކާރުން މިހާރުވަނީ އިންޑިޔާގެ އަސްކަރީ ހިމާޔަތުގެ ދަށަށް ދިވެހި ގައުމު ގެންގޮސްފައެވެ. އެހެންވީމާ އެއަރޕޯޓާއިބެހޭގޮތުން މިކަހަލަ ވާހަތަކެއް ފެތުރުއްވުމަށްފަހު އެއަރޕޯޓް އަލުން ޖީއެމްއާރަށް ނުދޭނެކަމަށް ބުނަންއެގޭނީވެސް ކާކަށް ހެއްޔެވެ.

Advertisement

ކޮމެންޓް