ގޭންގް ސްޓާރ -8-

31 May 2020 | 06:33

ބިރުން ތުރުތުރުއަޅާ ހާލު އަހަރެން ހަދާނެގޮތެއް ނެތިފައި ހުރީމެވެ. އެމީހަކު އަހަރެންގެ ކަރުގައި ވަޅި ކާއްތާލައިފިއެވެ. ކާއްތާލިތަނުން ކަރުން ތަންކޮޅެއް ކަނޑައިގެން ދިޔުމުން އަހަރެން ލޮލުން ކަރުނަ އައެވެ. ނަމަވެސް އެވަގުތު އައި ރުޅިއަކާއެކު އާ ހިތްވަރެއްލާފައި އޮޅަންބަށިން ވަޅު ޖައްސައިގެން ހުރި މީހާގެ ބަނޑުގައި ޖެހީމެވެ. އެމީހާއަށް ވީތަދުން ފަހަތަށް ޖެހުމާއެކު އަހަރެންގެ ވަޅި އަހަރެން ނަގާ އޭނާއާ ދިމާލަށް ދިއްކޮއްލީމެވެ. އެހިނދު އަނގަމަތި ފޮހެލާފައި އެމީހާ އަހަރެންނާ މުޙާތަބުކުރިއެވެ.

މީހާ : ކަލޭ ތީ ކާކު؟ ކީއްކުރަނީ ޗަކޯ ގޭ ކައިރީ؟ ކަލެއަށް އެނގޭތަ ފުރުތަމަ ތި ވަޅި ބޭނުންކުރަން

ގްރޭވް : އަހަރެންނަށް ކިޔަނީ ގްރޭވް. ޗަކޯގެ މީހަކަށްވާތީ އަހަރެން އޭނާ ގޭދޮށުގައި މިހުރީ. މި ވަޅި ބޭނުން ކުރަން އެނގުނަސް ނޭނގުނަސް މަ ކަލެޔަށް ދުލެއް ނުދޭނަން

މީހާ : ( އޭނާ އަތުގައި އޮތް ވަޅި އޭނާ ލައިގެން ހުރި ގަމީސް ފުރަގަހަށް ޖަހާލުމަށްފަހު) ފިސާރި ކެރޭ ސޮރެއްހެން ހީވެއްޖެ. ގްރޭވް ކަލޭ ތީ އަލަށް ޗަކޯއާ އެކު އުޅެންފެށި ކުއްޖެއްކަން އެނގިއްޖެ. އެކަމު ކަލޭއަށްވެސް އަދި ޗަކޯއަށްވެސް އަތްލެވޭ ފެންވަރަށްވުރެ މާ މަތީގަ އުޅޭ މީހެއް އަހަރެންނަކީ. ކަލޭ އަޑުއަހަންތަ ރިޗަޑޭއޭ ކިޔާ ނަމެއްގެ އަޑު. މިރޭ ކަލެޔާ މިއޮތީ ރިޗަޑޭއާ ކުރިމަތިލާން ޖެހިފަ. މަށާ ދިމާލަށް ވަޅި ދިއްކުރީތީ ކަލޭ ދުވަސްދުއްވާލާނަން

ރިޗަޑޭ ބާރު ދުވެއްޔެގަ ދުވެފައި އައިސް އަހަރެންގެ މޫނުމަތީ ގޮއްމުއްކަވާފައި ޖެހިއެވެ. އެއަށްފަހު ފައިން އަހަރެން ބަނޑިުގައި ޖެހިއެވެ. އަދި އަތުގައި އޮތް ވަޅި އަތުލާ ދުރަށް އެއްލާލާ ކަރުގައި ހިފާ ފިއްތާލިއެވެ. އަހަރެން ނޭވާ ހާސްވާންފެށިއެވެ. އަދި ހޭނެތެންފެށިއެވެ. އަހަރެންގެ ދުވަސްދަނީކަމަށް ހީކޮއްގެން އޮއްވާ ރިޗަޑޭ ކަރުގައި މީހަކު އައިސް ހިފައި ދުރަށް ނަގާ ހޫރުވާލިއެވެ. އަދި އެމީހަކު ދިޔައީ ރިޗަޑޭއަށް ހަމަލާދީ ބަލިކަށިކޮއްލަމުންނެވެ. ރިޗަޑޭ ބިންމައްޗަށް ވައްޓާލައި އޭނާގެ މޭމައްޗަށް އެމީހަކު ފައިން އަރައިގެން ހުރިތަން އަހަރެން ދެކުނީމެވެ. އެއަށްފަހު އަހަރެން ހޭނެތުނެވެ.

އަހަރެން ހޭ އެރިއިރު އޮތީ ހޮސްޕިޓަލްގައެވެ. މާމަ އަހަރެން ކައިރީ އިނެވެ. ކަންބޮޑުވެފައިވާ މޫނަކާއެކު ބަލަހައްޓައިގެން އިން މާމަ ސުވާލުތައް އޮއްސާލުމުން އަހަރެންނަށް ޖަވާބުދޭން ދަތިވިއެވެ. އިރުކޮޅަކުން ބަޔަކު އެއްފަހަރާ ސަލާމްގޮވާލާފައި ކޮޓަރިއަށްވަނެވެ. އެއީ ޗަކޯއާ އޭނާގެ ގުރޫޕެވެ. އަދި މާމަ ކޮނޑުގައި އަތްޖައްސާލުމަށްފަހު އަހަރެންގެ އެތައްދުވަހަކު އަތުލަން މަސައްކަތްކުރި ނުރައްކާތެރި ކުއްވެރިއަކު މިއަދު ޖަލަށް ލެވިއްޖެ ވާހަކަ ބުނެލިއެވެ. މާމަ މިވާހަކަތަށް އަޑުއަހާފައިވެސް ހިތްހަމަ ނުޖެހިގެން ބޭރަށް ދިޔައެވެ. ޗަކޯ އަހަރެން ކައިރީ އިށީނުމުން މާމަ ކައިރީ ތި ދެއްކީ ކޮން ވާހަކައެއްހޭ އަހާލީމެވެ. އެހިނދު ޗަކޯ ހިނިތުންވެލިއެވެ. އަދި ކިޔާދޭން ފެށިއެވެ.

" އަހަރުމެންނަކީ ފުލުހުންގެ ހާއްސަ ޓީމްއެއް. ރިޗަޑޭއަކީ އަތުކުރަން ވަރަށް އުނދަގޫ މީހެއް އޭނާއަށް ހުރިހާ ފުލުހުންނާ ހާއްސަ ޓީމްތައް އެނގޭ. މިކަމުގެ ސަބަބުން އަހަރުމެން ޖެހުނީ ވަރަށްބޮޑު ރިސްކެއް ނަގަން އެހެންވެ އަހަރުމެން މުޅިން ކަމާނުބެހޭ އާ މީހަކު ހޯދަންޖެހުނީ. ފެށުނީއްސުރެ ނިމެންދެން ކުރި ހުރިހާ ކަމަކީ ރޭވުމެއް. ވީމާ މިއަދު ތި ކޮއްދިން ޙިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މިވަގުތުން ފެށިގެން ކަލެއަކީ ކާކުކަން އެހެން ގްރޫޕްތަކަށް އެނގޭތީ އަހަރުމެންގެ މީހެއް ގޮތުގައި ނަގާފައި ތުހުރީ މިއަދު ކަލޭ ތީ މި ޓީމްގެ އާ ރެކްރޫޓެއްނޫން ހަމަ ސީދާ މެމްބަރެއް "

ޗަކޯގެ ވާހަކަތައް އަޑު އިވުމުން އަހަރެންގެ ދެލޯ ކަރުނައިން ފުރުނެވެ. އަހަރެން ކަހަލަ ޒުވާނަކު އެމީހުންގެ ބޭނުމަށް އެހާބޮޑު ނުރައްލަކަށް ފޮނުވާ ދޮގު ހެދީތީއެވެ.

- ނިމުނީ -

Advertisement

ކޮމެންޓް