ތިހާ ވަަރަށް މުސައްލަ ނުފޮޅާށެވެ

02 Feb 2019 | 15:58

މިއަދަކީ ހުކުރުދުވަހެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ޚާއްސަ ދުވަހެވެ. ހަފްތާގެ މަސައްކަތުގެ ވަރުބަލިކަން ފިލުވާލައި، އާއިލާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ދުވަހެވެ. އެއް ސުފުރާމަތިން، މޮޅު ކެއުންގަނޑަކަށް މުޅި އާއިލާއާއި އެކު އިންސާފުކޮށްލަން ލިބޭ ދުވަހެވެ.

ނަމަވެސް މި ހުރިހާ ސަބަބުތަކަށްވުރެ ދީނީ ގޮތުން ހުކުރު ދުވަހަކީ ޚާއްސަ ދުވަހެކެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެދުވަހަކަށް ޚާއްސަ ވަކި ނަމާދެއް އޮންނަ ހަމައެކަނި ދުވަހެވެ. އާދެ، ހުކުރު ނަމާދުގެ ބަރަކާތްތެރި ދުވަހެވެ.

ޒަމާނާ އެއްގޮތަށް ދިވެހިންގެ ހުކުރު ދުވަހުގެ ވައްޓަފާޅިވެސް ބަދަލުވެއްޖޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިހުގައި ބޮލުގައި ތެޔޮރުމާ އަޅައި، ބަންގީގެ އަޑުގެ ކުރިން ހުދު ހެދުމުގައި މިސްކިތުގެ ކުރީ ސަފުން ޖާގަ ހޯދުމަށް ދާނެއެވެ. އެހެނަސް އެ ސަގާފަތް މިއަދު މިއޮތީ ބަދަލުވެފައެވެ.

މިހާރަކަށް އައިސް މާލޭގެ އަދި އަތޮޅުތެރޭގެ ގިނަ މިސްކިތްތަކަށް ނަޒަރު ހިންގާލައިފިނަމަ ފެންނާނީ މިސްކިތުގެ އެތެރެ ސަފުތަކަށްވުރެ، ބޭރުގައި ހެދިފައިވާ ސަފުތަކުގައި މީހުން ގިނަވާކަމެވެ. ފަހަރުގައި އެއީ ހުކުރަށްދާ ފިރިހެންވެރީންގެ އަދަދު، އެހެން ނަމާދުތަކާއި އަޅާބަލާއިރު ގިނަވުމުން ކަމުގައި ވެދާނެއެވެ.

ކޮންމެ ގޮތަކަށްވިޔަސް މިގޮތަށް ބޭރުގައި ތިބެގެން ނަމާދުކުރާ ފަރާތްތައް، ހުތުބާގެ ގަޑީގައި މަގުގެ އެކިއެކި ފަރާތްތަކުގައި ތިބުމަށްފަހު ހުކުރު ކުރާ ގަޑިޖެހުމުން ސަފުއަތުރައި، އިމާމު މީހާގެ ފަހަތުން ނަމާދުކުރާނެއެވެ. އާންމުގޮތެއްގައި މި ފަރާތްތައް ނަމާދުކުރާނީ މަގުމަތީގައި މުސައްލަ އަޅައިގެންނެވެ.

ނަމާދު ނިންމާ އިމާމު މީހާ ސަލާން ދިނުމާއި އެކު ދެނެކާ ދެނެެއް ނޯންނާނެއެވެ. މުޅި ހިސާބުގަނޑުގައި އަޑުތައް ގަދަވާން ފަށާނެއެވެ. އެންމެން ބަލާނީ މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް އަވަހަށް ގެއަށް ދެވޭތޯއެވެ.

މިގޮތަށް އުޅޭއިރު އަޅުގަނޑުމެންނަށް ރަނގަޅަށް ވިސްނާނުލެވި ވަރަށް ނުކިއްސަރު ކަމެއް އެބަކުރެވެއެވެ. މަގުމަތީގައި އަޅާފައިވާ މުސައްލަ ނަގައި ފަތްޖެހުމުގެ ކުރިން އެ މުސައްލަ ހެޔެއްނުބަލައި ފޮޅާލުމެވެ. މައްސަލައަކީ މުސައްލަ ފޮޅުމެއް ނޫނެވެ. މައްސަލައަކީ އެ މުސައްލަ ފޮޅާ ހިނދު ކައިރީގައި ތިބި މީހުންނަށް އޭގެން ވެދާނޭ ގެއްލުމެއް ނުބެލުމެވެ. މުސައްލަ ފޮޅާހިނދުގައި މުސައްލައިގައި ހުރި ހިރަފުހާއި ކުނޑިތައް މުސްކުޅިން، ކުޑަކުދިން އަދި ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ހުރި މީހުންގެ ނޭފަތަށް ވަންނާނެކަމާއި މެދު ވިސްނާލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟

އެހެންކަމުން ދެންވެސް ތިހާ ވަރަށް މުސައްލަ ނުފޮޅާށެވެ. ބަލައިގެން ނޫނީ ތި މުސައްލަ ވަޔާއި ނުހޫރާށެވެ.

Advertisement

ކޮމެންޓް