"ގަލީ ބޯއި" އިން ރަންވީރް ސިންގް އަދި އާލިޔާ ބަޓް މިޔުޒިކީ ވާހަކައަކާ އެކު!

02 Feb 2019 | 11:14

ބޮލިވުޑް ސުޕާރސްޓާރުންކަމަށްވާ ރަންވީރް ސިންގް އަދި އާލިއާ ބަޓް އެއް ފިލްމަކުން އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެންދާނީ ފެބްރުއަރީ 14 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޒޯޔާ އަޚްތަރް ގެ "ގަލީ ބޯއި" އިންނެވެ.

ރަންވީރް އާއި އާލިއާ އަކީވެސް ބޮލިވުޑްގައި ނަން ހިނގާ، ތަފާތު އެތައް ބްލޮކްބަސްޓާރ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ހުނަރުވެރި ފަންނާނުންނަށްވާއިރު، "ގަލީ ބޯއި" އަކީ މި ދެ ތަރިންގެ ފޭނުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ އުފެއްދުމެކެވެ. އަދި "'ގަލީ ބޯއި" ގެ ޓްރެއިލާރ އިން އިޝާރާތްކުރާގޮތުން ފިލްމު ވެގެންދާނީ ވަރަށް ތަފާތު ސްޓޯރީއަކުން އާލިއާ އާއި ރަންވީރުގެ އެކްޓިންގް ވިދާލާނެ ފިލްމަކަށެވެ.

ޒޯޔާ އަޚްރަތް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ މުމްބާއިގައި ރަޕްކޮށްގެން މަޤްބޫލުވެގެންދިޔަ "ޑިވައިން" އަދި "ނޭޒީ" ނަމަކަށްކިޔޭ ދެ ފަންނާނުންގެ ދިރިއުޅުމުގެ މައްޗަށެވެ. އަދި މި ފިލްމަކީ އާދަޔާ ޚިލާފަށް މޮޅަށް ހިންދީ ބަހުން ރެޕްތަކައް ތައްޔާރުކުރުމުން މުމްބައީގެ ރަށުތެރެއިން ވިދާލި ނަވެދް ޝައިޚް އަދި ވިވިއަން ފޭރނާންޑޭޒްް (ނޭޒީ އާއި ޑިވައިން) މަޝްހޫރުވުމުގެ ކުރިން އަދި ފަހުން އެމީހުންނަށް ދިމާވި އެކި ކަންތައްތަކަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ފިލްމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފިލްމުގައި ރަންވީރްގެ ކިބައިން ފެންނަ ރެޕް ހުނަރަކީ އޭނާ ސީދާ ނަވެދް ކައިރިން ފިލްމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ލިބިގެން ތަމްރީންތަކެއްގެ ނަތީޖާއެއްކަމަށް މީޑިއާ ތަކުން ރިޕޯޓްކުރަމުންދެއެވެ.

މި ފިލްމިގައި ރަންވީރް ސިންގް އަދި އާލިއާ ބަޓް ގެ އިތުރުން ކަލްކީ ކޯޗްލިން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. އަދި ފިލްމުގެ ބައެއް ލަވަތަކަކީ ސީދާ އަސްލު "ގަލީ ބޮއީ" ނޭޒީ ކިޔާފައި ހުރި ލަވަތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެކަކު އަނެކަކަށް މުޅިން އާ ދެ ފަންނާނުން ގޮވައިން ބޮޑު ސްކްރީނަށް ހުނަރުވެރި ޑައިރެކްޓާރ ޒޯޔާ އަޚްތަރް މި ތައްޔާރު ކުރާ ފިލްމު ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. ފިލްމުގެ ޓްރޭލާއަށް ކަޅި ހިންގާލިމުން މިއީ ބޮލިވޫޑްގައި އާންމުކޮށް ނުކުންނަ ފިލްމުތަކާއި ވަރަށް ތަފާތު އުފެއްދުމެއްކަން ހާމަވެގެންދާއިރު، "ވެލަންޓައިންސް ޑޭ" ބަންދާއި ދިމާކޮށް ރިލީޒްކުރާ މި ފިލްމު ލަފާ ކުރެވޭގޮތުގައި ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީތަކެއް ހާސިލްކުރާނެއެވެ.

Advertisement

ކޮމެންޓް

Advertisement