ބްރިޖާ ގުޅިފައިވާ ރިންގް ރޯޑް ހުޅުވާލައިފި

06 Sep 2018 | 22:27

"ސިނަމާލެ" ބްރިޖާއި ގުޅިފައިވާ ބޮޑުތަކުރުފާނުމަގައި ތާރު އެޅުމަށްފަހު އާއްމުންނަށް މިރޭ ހުޅުވައިފިއެވެ.

"ރިންގް ރޯޑް ޕްރޮޖެކްޓް" ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅަންޖެހޭ ހުރިހާ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ވަނީ ނިންމާލާފައެވެ.

ވެހިކަލްތައް ދުއްވޭ ގޮތަށް އެ ސަރަހައްދު މިރޭ ހުޅުވާލިކަމުގައި ވީނަމަވެސް، އެ މަގުގެ އެއްވެސް ސަރަހައްދެއްގައި ޕާކް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް މަގުގެ އެއްވެސް ތަނެއްގައި ޕާކް ކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

އެ މަގު ހަދަމުންދާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް ވެސް އުވާލައި، މިހާރު ވަނީ ކުރިން އޮތް ޓްރެފިކް ފްލޯ ހަމަޖައްސައިފަ އެވެ. އެގޮތުން ކުރިއެކޭ ވެސް އެއްގޮތަށް، ބޮޑުތަކުރުފާނު މަގުގެ ކުރަނގި ގޯޅިއާ ހަމައިން ފިލިގަސް މަގާ ހަމައަށް ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސައި، އަދި ފިލިގަސް މަގު ވެސް ކުރިއެކޭ އެއްގޮތަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

Advertisement

ކޮމެންޓް