ތިބާގެ މުޅި ދުވަސް އެންމެ ކޮފީ ތަށްޓަކުން ޚަރާބުވޭބާ؟

03 Feb 2019 | 11:26

އިންސާނުންނަކީ އުފެދުމުގައިވެސް ނުބައި ނުވަތަ "ނެގަޓިވް" ކަންތައްތަކަށް އަހަންމިއްޔަތު ދޭން ހާރޑްވަޔާރ ވެފަ ތިބޭ ބައެކެވެ.

ކިތަންމެ ކުޑަ ކަމަކަށް ވިޔަސް، ދުވަސް ފެށޭ އިރު ގޯސް ގޮތަކަށް ފެށޭނަމަ ގިނަ މީހުން ދެން އިރު އޮއްސެންދެންވެސް ތިބޭނީ އަނގައިގަ ނުބައި ރަހައެއް ލާފަ ހުންނަ ކަހަލަ ގޮތަކަށެވެ.

އެހެންނަމަވެސް، ހަޤީގަތަކީ އިންސާނީ ޠަބިއްޔަތުގައި ހަރުލާފަ ހުރި މި އާދައިން އަރައިގަނެވޭނެ ގޮތްތަކެއްވެސް ހުންނަކަމެވެ. އަދި އެހެން އާދަތަކެކޭ އެއްފަދައިން، ތިބާ ގެ ދުވަސް އަދި ގޯސް ގޮތަކަށް ފެށުނަސް ރަނގަޅަށް ނިންމާލުން އެއީ ދަސްކުރެވޭނެ ކަންތައްތަކެވެ.

މީހާގެ މުޅި ދުވަސް ކޮފީ ތަށްޓެއް ވައްޓާލެވިގެން، ނުވަތަ ޓްރެފިކްގަ ޖޭމެއްގަ ޖެހިގެން ޚަރާބުވުން އެއީ އާދައިގެކަމަކެވެ. ވަޒީފާއަށް ލަހުން ދެވި، ނުވަތަ މީހަކު ބުނާ ކިތަންމެ ކުޑަ އެއްޗަކުން ހިތުގަ ޖެހި މީހާ މުޅި ދުވަހު އަނގައިގަ ނުބައި ރަހައެއް ލާފާއި ހުރުން އެއީ އިންސާނީ ވިސްނުން ބަށްޓަންވެފައިވާ ގޮތަށް ބަލާލާނަމަ ވަރަށް އާންމު، އެންމެންނަށް ވެސް ދިމާވާ ފަދަ ކަންތައްތަކެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން ރުޅި ގަދަވެ، ދުވަހުގެ ބާކީ އޮތްބައި ނުތަނަވަސް ކަމެއްގައި ހޭދަކުރުމުގެ ބަދަލުގައި، އެއިން އަރައިގަނެވޭނެ ގޮތްތަކެއް އެބަހުރިކަން ވެސް ދެނެގަތުން މުހިންމެވެ.

2001 ވަނަ އަހަރު ސައިކޮލޮޖިސްޓުން ކަމަށްވާ ޕޯލް ރޯޒިން އަދި އެޑްވާރޑް ރޯއިޒްމަން ދިރާސާ ކުރި ގޮތުގައި އިންސާނީ ފިކުރަކީ އަބަދުވެސް އެންމެ ގޯސް ގޮތަށް ވިސްނަ، އެޔަށް ތައްޔާރުވާން މަސައްކަތްކުރާ ގޮތަށް ބިނާވެފައިވާ ވިސްނުމެކެވެ.

މިއީ އެތައް ޒަމާންތަކުގެ މަތީން އިންސާނީ ނަސްލު ނެތިނުގޮސް ދުނިޔޭގައި، އެކި ނުރައްކާތަކުން ސަަލާމަތްވެ ދެމިއޮތުމުގެ ސިއްރު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ދުވަސް ގޯސް ގޮތަކަށް ފެށޭނަމަ އެކަން އެހިސާބުން ނިންމާލުމުން މީހާގެ ވިސްނުން ނުތަނަވަސް ވުމުން ސަލާމަތްކުރެވޭނެއެވެ. އަދި ހުރިހާ ކަމަކީވެސް ވަގުތީ ކަންތައްކަން ދަނެހުރެ، ދިމާވާ ދެރަ ކަންތައްތަކަކީ ތިމާ ކޮންމެވެސް ގޮތަކުން ނުކުޅެދުނީމަ ދިމާވާ ކަންތައްތަކެއްކަން ޤަބޫލުކުރުން ހުއްޓާލަންވީއެވެ.

ފޯނުން ގޭމެއް ކުޅެލައިގެން، ނުވަތަ އެއްޗެއް އަޑުއަހާލައި ބަލާލާ ވަގުތުން ތިބާގެ ވިސްނުން ނުތަނަވަސްކަމުން އުފާވެރިކަމަށް ބަަދަަލުކޮށްލެވޭނެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.

އެހެންކަމުން، ކިތަންމެ ކުޑަ ދެރަ ކަމެއް ދިމާވިޔަސް، އެ ކަމުގެ ސަބަބުން ތިބާގެ މުޅި ދުވަސް ބަނަވުމުން ރައްކާތެރިކޮށްދޭނެ އުކުޅުތަކެއްވެސް ވެއެވެ. އަދި މިއީ، އިންސާނީ ޠަބިއްޔަތާއި ގުޅިފައިވާ ކަމަކަށްވުމުން، ނުބައި ކަންތަކުން ވިސްނުން ދުރުކޮށް، ދުވަސް ރަނގަޅު ގޮތެއްގައި ކުރިއަަށް ގެންދިއުން މިއީ ވެސް ދަސްކުރަންޖެހޭނެ ޒާތުގެ ހުނަރެވެ.

Advertisement

ކޮމެންޓް

Advertisement