އަލީ ރަމީޒުގެ ހޫނު ރައްދެއް އިސްލާމިކް މިނިސްޓަރަށް!

03 Feb 2019 | 09:42

ހުއްދަ ނުނަގާ ދަރުހެއް ބޭއްވުމަށް މަސައްކަތްކުރިކަމަށްބުނެ ޖަމިއްޔަތުލް ސަލަފުން ބާއްވަން އުޅުނު ދީނީ ދަރުހެއް ހުއްޓުވި މައްސަލައިގައި، އެޖަމްއިއްޔާގެ މީޑިޔާ ކޯޑިނޭޓަރ އަލީ ރަމީޒު، އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރަށް ހޫނު ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ފޭސްބުކް މެދުވެރިކޮށް އަލީ ރަމީޒު ހޫނު ބަހުގެ ހަމަލާތަކެއް ދީފައިވަނީ ދަރުސްބާއްވަން ހުއްދަ ނަގަން ޖެހޭނެކަމަށް ތަކުރާރުކޮށް ހަނދާން ކޮށްދިނުމުންވެސް އެކަން ނުކޮށް އެ ދަރުސް އަމިއްލައަށް ކެންސަލްކުރީތީ ހިތާމަ ކުރައްވާ ކަމަށްބުނެ މިނިސްޓަރ ޓްވީޓްކުރެއްވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝާއިއުކުރި ފޭސްބުކް ޕޯސްޓެއްގައި އަލީ ރަމީޒު ބުނީ އިސްލާމް ދީނަށް ފުރައްސާރަކުރާ ބައިގަނޑާއި ދޭތެރޭ ފިޔަވަޅު ނާޅައި، ދީނީ ފޯރަމަކާއި ދޭތެރޭ ފިޔަވަޅު އަޅަން އަވަސްވެގަނެ، އަމިއްލައަށް ކެންސަލް ކުރީ ކަމަށް ބުނެ ތިޔަވަރުގެ ބުހުތާނު ދޮގެއް ތިޔަަވަރުގެ ބޭފުޅަކު ނުހެދިޔަސް ފުދުނީސްކަމަށެވެ.

އިސްލާމިކު މިނިސްޓަރ އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރު ތަކުގައިވެސް ދީނީ ދަރުސް ދިނުމުގެ ކުރިން އުސޫލާއި އެއްގޮތަށް ޖަމުއިއްޔާތަކުންނާއި، ޝައިޚުން އައީ ހުއްދަ ނަގަމުން ކަމަށެވެ. ނަމަވެސް މިނިސްޓްރީން ތަކުރާރުކޮށް ސަލަފު ޖަމުއިއްޔާއިން ދޭން އުޅޭ ދަރުސް ދިނުމަށް ހުއްދަ ނެގުމަށް ހައްދާކޮށްދިން ކަމަށާއި، ނަމަވެސް އެކަން ނުކޮށް ސަލަފުން ބާއްވަމުން އައި ދަރުސް އަމިއްލަ ކެންސަލް ކުރުމުން ހިތާމަ ކުރާކަމަށްވެސް މިނިސްޓަރގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ގަވާއިދުތަކާއި އަދި އުސޫލުތަކަކީ މުޅި މުޖުތަމައުގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ހަދާފައިވާ އެއްޗެއްކަމަށާއި، ފަރުދުންނާއި ޖަމާއަތް ތަކުންވެސް އެ އުސޫލްތަކަށް އިހުތިރާމް ކުރުމަށް އިސްލާމިކު މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement