"ބީ ޓީ އެސް" ގެ ވީ މުޅިން އާ ލަވަޔެއް އޭނާގެ ފޭނުންނާ ހިއްސާކޮށްފި!

03 Feb 2019 | 13:33

2018 ވަނަ އަހަރު ގިނަ ރެކޯޑުތަކެއް މުގުރާލާ، ވަރަށް ކާމިޔާބުކޮށް ނިންމާލި ދެކުނު ކޮރެއާގެ ބޭންޑެއް ކަމަށްވާ "ބީ ޓީ އެސް" ގެ މެމްބަރ "ވީ" ވަނީ އޭނާގެ ފޭނުންނާއެކު އާ ލަވައެއް ހިއްސާކޮށްފައެވެ.

ގިނަ ބައެއްގެ ހިތްތަކާ ކުޅެލާފަދަ މެސެޖްތަކެއް އެކުލެވޭ ލަވަތަކެއް ތައްޔާރުކުރުމުން އަންނަ މި ފަންނާނުންގެ މަސައްކަތަށް "ކޭ-ޕޮޕް" އަށް ލޯބިކުރާ ފަރާތްތަކުގެ ވަރަށް ހޫނު ތަރުހީބެއް ދަނީ ލިބެމުންނެވެ. އަދި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ "ބީ ޓީ އެސް" ގެ ޙާއްސަ "އާރމީ" ފޭނުންގެ ތެރޭގައި އެ ގްރޫޕުގެ މެމްބަރުން ވަކި ވަކިން ކުރާ މަސައްކަތްތަކަށްވެސް ވަރަށް ތަރުހީބު އޮންނަކަން ފާހަގަކޮށްލެވެއެވެ.

"ވީ" (އަސްލު ނަން: ކިމް ޓައެ-ހްޔޫން) ގެ އާ ލަވައިގެ ނަމަކީ "ސީނެރީ" އެވެ. މި ލަވައިގެ ލިރިކްސް އޭނާ ކޮރެއާބަހުން އަދި އިނގިރޭސިބަހުން ކިޔާފައިވާއިރު، ފަހަތުން ކުޅޭ ޕިއާނޯ އަކީ ވެސް ވީގެ އަމިއްލަ މަސައްކަތެވެ.

ލަވައިގެ ދިގުމިނުގައި ގާތްގަނޑަކަށް 5 މިނެޓު ހުރި އިރު، މިހާތަނަށް މި ލަވަ އަޑުއެހި ފަރާތްތަކުން ދަނީ ވީގެ މިޔުޒިކީ ހުނަރުތަކަށް ތަޢުރީފް ކުރަމުންނެވެ. އަދި މި ލަވައަކީ ވީ އަމިއްލައަށް ލިޔުމަށްފަހު ހުށަހަޅަދިން ލަވައެއްކަން ފާހަގަކޮށްލެވެއެވެ.

އާރމީ ފޭނުންގެ މެދުގައި މި ލަވަ ވަނި އަލިފާންގަނޑެއްހެން ފެތުރިފައެވެ. ގިނަ ބަޔަކު ވީ ގެ މި މަސައްކަތް "އަސަރުގަދަ ރީތި" ލަވައެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، ބީ ޓީ އެސް ގެ އެހެން މެމްބަރުންވެސް ވަނީ މީސް މީޑިއާ މެދުވެރިކޮށް އޭނާއަށް އެއްބާރުލުންދީފައެވެ. އެގޮތުން ބޭންޑް ގެ މެމްބަރުން ކަމަށްވާ ޖުންގްކުކް އަދި ޖިމިން ގެ ޕޯސްޓްތަކުގައި އެމީހުން ވީ ގެ ލަވައިގެ ތަންތަނޮކޮޅު ހިމަނާފައިވެއެވެ. މި ލަވައަށް ސައުންޑްކްލައުޑްގައި މިހާތަނަށް 6 މިލިއަން އަށް ވުރެ ގިނަ ސްޓްރީމް ވަނީ ލިބިފައެވެ.

Advertisement

ކޮމެންޓް

Advertisement