Advertisement

ދުވަސްތަކަކަށް ފަހު ޔުނައިޓެޑް ތާވަލުގެ ހަވަނައިން މައްޗައް ޖެހިލައިފި

04 Feb 2019 | 11:23

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީގެ މައްޗައް ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފިއެވެ. މި މެޗް ޔުނައިޓެޑް ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު 9 ވަނަ މިނެޓުގައި ޖަހައިދިނީ ޕޮގްބާ ދިން މޮޅު ޕާހަކުން ރަޝްފޯޑެވެ. މި ލަނޑަކީ މި ސީޒަނުގައި ރަޝްފޯޑް ޖެހި 10 ވަނަ ލަނޑެވެ.

މި މެޗުން ލިބުނު މޮޅާއެކު މިއީ 2012 ގެ ފަހުން އަމިއްލަ ދަނޑުން ބޭރުގައި ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ފަސް މެޗުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެޗައި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗް ޝޯލްޝާ ބުނީ އޭނާގެ ކުޅުންތެރިންގެ އެޓިޓިއުޑް ވަރަށް ރަނގަޅު ކަމަށެވެ. ވަރުގަދަ ކުޅުމެއް ފެނުނު މި މެޗުގައި ބައެއް ކުޅުންތެރިންގެ ނޭފަތުންނައި ކަކުލުން ލޭ އަންނަވަރު ކޮށްލާފަވާކަމަށް ފާހަގަކުރަމުން ޝޯލްޝާ އިތުރަށް ބުނީ ދެ ޓީމުވެސް ވާދަކުރީ ވަރަށް މުހިންމު ތިން ޕޮއިންޓަށް ކަމަށައި އެހެންކަމުން އެކަންތައް އޮންނާނީ އެކަހަލަ ގޮތަކަށް ކަމަށެވެ.

މި މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ފަސްވަނައިގަ އޮތީ 48 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގަ ޗެލްސީ އޮތީ 50 ޕޮއިންޓާއެކީއެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އަގުއޭރޯގެ ހެޓްރިކްއާއެކު މެންޗެސްޓާ ސިޓީވަނީ އާސެނަލްގެ މައްޗައް ފަސޭހަ މޮޅެއް ހޯދާފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސިޓީވަނީ އެއްވަނައިގަ އޮތް ލިވަޕޫލްއައި ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. ސިޓީއަށް 59 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗް މަދުން ކުޅެގެން ލިވަޕޫލް އެއްވަނައިގަ އޮތީ 61 ޕޮއިންޓް ހަމަކޮށްގެންނެވެ.

ވީ ބައްޔާއެކު އާސެނަލްވަނީ ތާވަލުގެ ހަ ވަނައަށް ވެއްޓިފައެވެ.

Advertisement

ކޮމެންޓް