Advertisement

"ދަ އަމްބްރެއްލާ އެކެޑެމީ": ސުޕަރ ހީރޯސްއަށް ލޯބިކުރާ ފަރާތްތަކަށް ޙާއްސަ ނެޓްފްލިކްސް އުފެއްދުމެއް!

05 Feb 2019 | 10:15

ކޮމިކް ފޮތްތަކުގެ ރަން ޒަމާން މިހާރު ފާއިތުވެގެން ގޮސްފައިވާނަމަވެސް، އެ ފޮތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޓީވީ އަދި ފިލްމް އުފެއްދުންތަކަކީ އަދިވެސް ބެލުންތެރިންންނަށް ވަރަށް ކަމުދާ އުފެއްދުންތަކެކެވެ.

އެގޮތުން ފަހުގެ އަހަރުތަކުގައި އެންމެ ބޮޑު ދެ "ކޮމިކް ހައުސް"ތައް ކަމަށްވާ "މާރވެލް" އަދި "ޑީސީ" ގެ އުފެއްދުންތަށް ވަނީ ބޮޑު ފައިދާއެއް ޖަހައި ބެލުންތެރިންނާ ހަމައަށް ތަފާތު "ސުޕާރހީރޯ" ވާހަކަތަކެއް ގެނެސްދީފައެވެ. މި ފަދަ "ސުޕާރސްޓޯރީޒް" އަށް ލޯބިކުރާ ފަރާތްތަކުގެ ތެރެއިން، ރަހަ ތަފާތުކޮށްލަން ބޭނުންވާ ބެލުންތެރިންނަށް "ނެޓްފްލިކްސް" ގެ ފަރާތުން މި ފަހަރު ހުށަހަޅަދެނީ "ދަ އަމްބްރެއްލާ އެކެޑެމީ" ނަމަކަށް ކިޔޭ ސުޕަރ ހީރޯތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒްއެކެވެ.

ފެބްރުއަރީ 15 ވަނަ ދުވަހު ނެޓްފްލިކްސް އިން ރިލީޒްކުރަން ހަމަޖެހިފައިވާ "ދަ އަމްބްރެއްލާ އެކެޑެމީ" އަކީ "ޑަރކް ހޯރސް" ކޮމިކްސް ގެ އުފެއްދުމެއް ޓީވީ އަށް ތައްޔާރުކޮށް ރިލީޒްކުރާ ސީރީޒްއެކެވެ. ޖެރަރޑް ވޭ އަދި ގެބްރިއެލް ބާ 2007 ވަނަ އަހަރު ކޮމިކް ފޮތެއްގެ ގޮތުގައި ނެރުނު "ދަ އަމްބްރެއްލާ އެކެޑެމީ" ގެ ވާހަކަ ބިނާވެފައިވަނީ ތަފާތު އަންހެނުންނަށް އުފަން، އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ 43 ކުދިންތަކެއްގެ މައްޗަށެވެ. އެމެރިކާގައި 1970 ގެ އަހަރުތަކުގައި ހިނގައިދާ ހާދިސާތަކެއް ދައްކުވައިދޭ މި ސީރީޒް އިސްތިހާރުކުރެވިގެންދަނީ މާރވެލް އަދި ޑީސީގެ ސުޕާރހީރޯ ވާހަކަތަކާއި ވަރަށް ތަފާތު އުފެއްދުމެއްގެ ގޮތުގައެވެ.

"ދަ އަމްބްރެއްލާ އެކެޑެމީ" ގައި ފެނިގެންދާނީ، އުފެދުމުގައިވެސް ޙާއްސަ ބާރުތަކެއް ލިބިފައިވާ މި ކުދިންތައް ބޮޑުވުމަށްފަހު އެމީހުންގެ "ބައްޕަ"ގެ މަރަށް އިންސާފުކުރަން އުޅުމުގެތެރެއިން އެމީހުން ކުރިމަތިލާންޖެހޭ ކަންތައްތަކެކެވެ. އޭލިއަނުންގެ ކިބައިން ދުނިޔެ ސަލާމަތްކުރުން، ނުވަތަ ނިއުކްލިއާރ ކޮންމެސް ހަނގުރާމައެއް ހުއްޓުވުން މިއީ އެހެން ސުޕާރހިރޯ ވާހަކަތަކުގައި އާންމުކޮށް ފެނިގެންދާނެފަދަ ކަންތައްތަކަކަށް ވާއިރު، ގޮތްނޭނގޭ ގޮތަކަށް ބާރު ލިބިގެން އުޅޭ ކުދިންތަކެއް އެމީހުންގެ "ބައްޕަ" ކަމަށް ބެލެވޭ ފަރާތުގެ މަރު ތަހުޤީގުކުރަން އުޅޭ މަންޒަރު ބަލާލަން ލިބުން ވެގެންދާނީ ކޮމިކް ފޮތްތަކުގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ކަމަށް ބެލެވެއެވެ.

ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން އަންނަ "ދަ އަމްބްރެއްލާ އެކެޑެމީ"ގެ އެޕިސޯޑުތައް، "ނެޓްފްލިކްސް" ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފެބްރުއަރީ 15 ވަނަ ދުވަހުން ފެށިގެން ބެލޭނެއެވެ.

Advertisement

ކޮމެންޓް