Advertisement

''ޕްލޭސްޓޭޝަން 5'': ކުރީގެ ހުރިހާ ޕީއެސް ގޭމްތަކެއް ކުޅުމުގެ ފުރުސަތު؟

04 Feb 2019 | 20:29

މަޤްބޫލް ގޭމިންގް ކޮންސޯލް "ޕްލޭސްޓޭޝަން" އުފައްދާ "ސޮނީ" ކުންފުނިން ނިމިދިޔަ ޖެނުއަރީ މަހު އާންމުކުރި ކުރި ސޮފްޓްވެއަރ ޕެޓަންޓަކާއި ގުޅިގެން މުޅި ދުނިޔޭގެ ގޭމިންގް ކޮމިއުނިޓީ ވަނީ ހަލަބޮލިވެފައެވެ.

"ސޮނީ އިންޓަރެކްޓިވް އެންޓާރޓެއިންމެންޓް" ގެ ނަމުގެ ދަށުން "ޕްލޭސްޓޭޝަން 4" ގެ އިސް އުފެއްދުންތެރިޔާ މާރކް ސޭރނީ އާއި "ސޮނީ އެންޓާރޓެއިންމެންޓް ޔޫރޮޕް" ގެ ޕްރޮގްރާމާރެއް ކަމަށްވާ ސައިމަން ޕިލްގްރިމް އުފައްދާފައިވާ މި ސޮފްޓްވެއާރ މެދުވެރިކޮށް، އަލަށް އުފައްދާ "ޕްލޭސްޓޭޝަން" އަކުން ކުރީގެ ހުރިހާ "ޕްލޭސްޓޭޝަން" ގޭމްތަށް ކުޅެވޭނެ ފަދަ އިޝާރާތެއް ވަނީ ލިބިފައެވެ. އާ ކޮންސޯލަކުން ކުރީގެ ކޮންސޯލްތަކުގެ ގޭމްތަށް ކުޅެވޭ ޕްރޮގްރާމިންގް ސިފަ އަށް މި ދާއިރާގައި ޙަރަކާތްތެރިވާ މާހިރުން ކިޔާ އުޅެނީ "ބެކްވާރޑްސް ކޮމްޕެޓަބިލިޓީ" އެވެ.

ސޮނީގެ އާ ސޮފްޓްވެއާރ މަސައްކަތްކުރާ ގޮތަށް ބަލާލާއިރު، އަލަށް އުފައްދާ ކޮންސޯލަކުން ކުރީގެ ކޮންސޯލްތަކުގެ ގޭމްތައް "ރަން" ކުރާނީ އެ ކުރީގެ ކޮންސޯލްތަށް ނަކަލު ކުރާ ނިޒާމެއް މެދުވެރިކޮށެވެ. އަދި އެންމެ ކުރީގެ "ޕްލޭސްޓޭޝަން 1" ގެ ގޭމްތަކުން ފެށިގެން "ޕްލޭސްޓޭޝަން 4" ގެ ގޭމްތަށްވެސް އަލަށް އުފައްދާ ކޮންސޯލަކުން ކުޅުމުގެ ފުރުސަތު އެބައޮތްކަން މި ސޮފްޓްވެއާރ އާއި ގުޅިގެން އާންމު ކޮށްފައިވާ ތަފްސީލްތަކުން ހާމަވެގެންދެއެވެ.

"ޕްލޭސްޓޭޝަން 5" އުފެއްދުމުގައި ވަކިން ސީދާ މި ސޮފްޓްވެއާރ ބޭނުންކުރާނެވާހަކަ ސޮނީ އިން އަދި ޔަޤީންކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް ސޮނީއިން އާންމުކުރި ޕެޓަންޓް އިން މި ސޮފްޓްވެއާރ ވުޖޫދަށް އައިސްދާނެކަމުގެ އުއްމީދު އެބައޮތްކަން ފާހަގަކޮށްލެވެއެވެ.

"ޕްލޭސްޓޭޝަން 5" އަކުން ފަސޭހައިން "ޕްލޭސްޓޭޝަން 4" އެއް ނަކަލުކުރެވޭނެއެވެ. އެހެންނަމަވެސް "ޕްލޭސްޓޭޝަން 3" ގައި ހިމެނޭ "ސެލް ޕްރޮސެސާރ" ފަދަ ޙާއްސަ ސިފަތަށް އެކުލެވޭ ކޮންސޯލްތަށް ނަކަލުކުރުމުގައި ސޮނީގެ އުފެއްދުންތެރިންނަށް ގޮންޖެހުންތަކެއް ދިމާވާނެކަމަށްވެސް މި ދާއިރާގައި މަސައްކަތްކުރާ މާހިރުން ލަފާކުރެއެވެ. ކޮންމެއަކަސް "ޕްލޭސްޓޭޝަން 5" ވެގެންދާނީ ސޮނީ އިން މިހާތަނަށް ތައްޔާރުކުރާ އެންމެ ފުރިހަމަ ކޮންސޯލް އަށްކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ސޮނީ އިން "ޕްލޭސްޓޭޝަން 5" އާންމުންނާ ހިއްސާކުރަން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް