Advertisement

ޓެކްސްއަށް މަކަރު ހެދުމުން މޮރީނިއޯއަށް ޖަލު ހުކުމެއް

05 Feb 2019 | 20:31

މަޝްހޫރު ފުޓްބޯޅަ ކޯޗް އަދި މެނޭޖަރ މޮރީނިއޯ، ސްޕެއިންގައި ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވުމުގެ ސަބަބުން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މީގެ އިތުރުން އޭނާވަނީ ދެ މިލިއަން ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.

މޮރީނިއޯއަށް އެއް އަހަރުގެ ޖަހު ހުކުމެއް އައިކަމުގައިވިއަސް އެ މުއްދަތަށް އޭނާ ޖަލުގައި ހުންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އޭގެ ބަދަލުގައި އޭނާ ޖޫރިމަނާއެއް ދައްކަން ސްޕެއިންގެ ކަމާބެހޭ އިދާރާތަކައިއެކު އެއްބަސްވުމަކަށް އައިސްފައިވުމެވެ.

މޮރީނިއޯގެ މައްޗައް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި 2011 އިން 2012 އަށް އޭނާ ރެއާލް މެޑްރިޑްގެ ކޯޗް ކަމުގައި ހުރި ދުވަސްވަރު 3.3 މިލިއަން ޔޫރޯ، ސްޕެއިންގެ ޓެކްސްއައި ބެހޭ އިދާރާތަކަށް ނުދައްކާ އޮތް މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން އޭނާގެ އިމޭޖް ރައިޓްސްއިން ލިބުނު ފައިދާތައް ޓެކްސް އޮފިޝަލުންނަށް ފޮރުވުމަށް އޮފްޝޯ ކޮމްޕެނީތަކެއް އުފައްދިކަމުގެ ތުހުމަތުވެސް މޮރީނިއޯއާމެދުވަނީ ކުރެވިފައެވެ.

ސްޕެއިންގެ ޕްރޮސެކިއުޓަރުން ހާމަކުރިގޮތުގައި ޕޯޗުގަލްއަށް ނިސްބަތްވާ މޮރީނިއޯވަނީ އޭނާގެ އިމޭޖް ރައިޓްސް ބެލެހެއްޓުމަށް ބްރިޓިޝް ވާޖިން އައިލެންޑްސްގައި އެތައް ވިޔަފާރިތަކެއް އުފައްދާފައެވެ.

މޮރީނިއޯގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑްއަށް ކުޅުނު ދުވަސްވަރު ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވެ އޭނާއަށް ދެ އަހަރު ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމަކެއް މިދިޔަ މަހުވަނީ އިއްވާފައެވެ. އެ މައްސަލައިގަ ރޮނާލްޑޯވަނީ 17 މިލިއަން ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް