Advertisement

ދިގު އިންތިޒާރަކަށްފަހު ދިވެހި ފިލްމް "ގޮށްރާޅު" އޮލިމްޕަހަށް!

06 Feb 2019 | 20:17

އާދަޔާ ޚިލާފު، ވަރުގަދަ ކާސްޓަކާއި ޓްރެއިލަރަކުން ބެލުންތެރިން އާޝޯޚުކޮށްލި ފިލްމް "ގޮށްރާޅު" ވަނީ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފައެވެ.

ކާމިޔާބު އެތައް ފިލްމުތަކެއް ތައްޔާރުކޮށް ބެލުންތެރިންނާ ހިއްސާކޮށްފައިވާ "ޑާރކް ރެއިން އެންޓާރޓެއިންމެންޓް"ގެ އެންމެ ފަހުގެ މި އުފެއްދުމަކީ ދިވެހި ސިނަމާތަކުން އާންމުކޮށް ނުފެންނަ ފަދަ މަންޒަރުތަށް ދައްކުވައިދޭ "ކްރައިމް ތްރިލާރ" އެއް ކަމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ ހާމަކޮށްފައެވެ. 18 އަހަރުން މަތީގެ ބެލުންތެރިންނަށް ތައްޔާރުކޮށްފައިވާ "ގޮށްރާޅު" ގެ ޕްރެމިއާރ ޝޯ ގެ ޓިކެޓްތައް ހުސްވެފަައިވާއިރު، އޮލިމްޕަހުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައިވެސް މި ފިލްމު އަޅުވަން ވަނީ ހަމަޖެހިފައެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް "ގޮށްރާޅު" ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމަކަށެވެ. ސަބަބަކީ ފިލްމުގެޓްރެއިލާރ ރިލީޒަ ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާ ހަލަބޮލިވެ، ދިވެހި ފިލްމީ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް "ގޮށްރާޅު" އަކީ ހަމަ އަސްލުވެސް ތަފާތު ފިލްމެއްކަން ވިސްނިގެންދިޔުމެވެ.

ފިލްމުގެ ޓްރެއިލާރ ދުށް ފަރާތްތަކުން ދިޔައީ ސްކްރީނުން ފެނުނު ވަކި ވަކި ޝޮޓު ތަކުގެ ފުރިހަމަކަމަށް ތަޢުރީފުކުރަމުންނެވެ. ހާސްކަމާއި ބިރުވެރިކަމުން ފުރިފަހުރި ޓްރެއިލަރަށްފަހު ދެންް އާންމުންގެ ސަމާލުކަން ހުއްޓުނީ "ގޮށްރާޅު" އެހާ ފުރިހަމަ ކުރަން މަސައްކަތްކުރި ޓީމުގެ މައްޗަށެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ހުނަރުވެރި ޒުވާން ޑައިރެކްޓާރ އަޙްމަދު ޝިނާން އެވެ. އަދި ފިލްމުގައި ޙަރަކާތްތެރިވާ އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން އިރުފާން، ނުވަތަ ވަނަމުންނަމަ "ޒަކިއްޓޭ" ފާހަގަކޮށްލެވެއެވެ.

ޒަކިއްޓެގެ އިތުރުން "ގޮށްރާޅު" ފިލްމުގައި މުހިންމު ދައުރުތަށް އަދާ ކުރާ ފަރާތްތަކުގެ ތެރޭގައި، ފިލްމީ ދާއިރާއަށް އާ ދެ މޫނު ކަމަށްވާ އައިޝަތު ތަސްނީމާ އާއި އައިމިނަތު ރަޝްފާވެސް ހިމެނެއެވެ. މަޝްހޫރު ފަންނާނުންކަމަށްވާ ޖުމައްޔިލް، މަރިޔަމް ޝަކީލާ އަދި ކޮޕީ އިއްސެ "ގޮށްރާޅު"ގެ މަންޒަރުތަކުން ފެނިގެންދާއިރު، ފިލްމުގެ ލަވައިގެ ގޮތުގައި ބޭނުންކޮށްފައިވާ ހުނަރުވެރި ދިވެހި ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާނުގެ އަމިއްލަ ރާގު "ރާޅެއްހެން" އަށް ވެސް ބެލުންެތެރިންގެ ވަރަށް ހޫނު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

"ގޮށްރާޅު" ގެ ކާސްޓްގައި ފިލްމީ ދާއިރާގެ ގިނަ ތަޖުރިބާކާރުންގެ އިތުރުން، އާ ޒުވާން އެކްޓަރުންތަކެއްވެސް ޙަރަކާތްތެރިވެފައިވެއެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި "ގޮށްރާޅު" ވެގެންދާނީ، ދިވެހި ބެލުންތެރިން ކުރިން ނުދެކޭ ފެންވަރުގެ މޮޅު އުފެއްދުމަކަށެވެ.

Advertisement

ކޮމެންޓް