2019 ވަނަ އަހުރުގެ "ސުޕާރބޯލް" ހާފްޓައިމް ޝޯ: އެޑަމް ލެވީނަށްވެސް "މެރޫން 5" ފްލޮޕްއަކަށް!

06 Feb 2019 | 10:12

ކޮންމެ އަހަރަކުވެސް އެމެރިކާގައި ކުޅެވޭ އެންމެ ވަރުގަދަ އެމެރިކަން ފުޓްބޯލް ގޭމް ކަމަށްވާ "ދަ ސުޕާރބޯލް" އަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ގޭމެކެވެ. އަދި މީގެ ތެރޭގައި ގިނަ މީހުންނަކީ އެމެރިކަން ފުޓްބޯލްގެ ޚަބަރުތައް ގަވައިދުން ބަލާ އުޅޭ ފަރާތްތަކެއްވެސް ނޫނެވެ.

ތާރީޚީ ގޮތުން "ދަ ސުޕާރބޯލް" މަޝްހޫރުވާ ސަބަބުތަކުގެ ތެރެއިން، ދެ ޓިމެއްގެ މެދު ކުޅެވޭ ގޭމް އެއްފަރާތަށް ޖައްސާލުމަށްފަހު ދެން ފާހަގަކޮށްލެވެނީ "ދަ ސުޕާރބޯލް" ގެ ހާފްޓައިމް ޝޯއެވެ.

ސުޕާރބޯލް ހާފްޓައިމް ޝޯގެ ސްޓޭޖްމަތިން ކޮންމެ އަހަރަކުވެސް ފުންނާބު އުސް މިޔުޒިކީ ފަންނާނުންތަކެއް ފެބިގެންދިޔުން މިއީ އާ ކަމެއް ނޫނެވެ. އެގޮތުން މިހާތަނަށް ސުޕާރބޯލް ހާފްޓައިމް ޝޯތަކުގައި ބެލުންތެރިން ސިއްސުވާލިފަދަ މޮޅެތި އެތައް ޕާރފޯރމެންސް އެއް ވަނީ ފެނިފައެވެ.

2019 ވަނަ އަހަރު ބޭއްވުނު ސުޕާރބޯލް ޝޯގައި ހާފްޓައިމް ވަގުތާއި ހަވާލުވީ އެމެރިކާގެ މަޝްހޫރު ޕޮޕް-ރޮކް ބޭންޑް "މެރޫން 5" އެވެ. މީގެ ކުރީގެ އަހަރުތަކުގައި ޕްރިންސް، U2، މައިކަލް ޖެކްސަން، ބިޔޮންސޭ އަދި ލޭޑީ ގާގާ ފަދަ އާދަޔާ ޚިލާފަށް ހުނަރުވެރި ފަންްނާނުން ވިދާލި ސްޓޭޖުން މިފަހަރު "މެރޫން 5" އަށް މާ މޮޅު ކުލަވަރެއް ދައްކައެއް ނުލެވުނެވެ.

ގިނަ ބަޔަކު ދަނީ މިފަހަރުގެ ސުޕާރބޯލް ޝޯއަށްފަހު މެރޫން 5 ގެ ހުށެހެޅުމަށް މީސް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ. ސުޕާރބޯލް ހާފްޓައިމް ޝޯތަކަށް އިންސާފުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ އެޑަމް ލެވީން އިސްކޮށް ޙަރަކާތްތެރިވާ މެރޫން 5 އިން ސުޕާރބޯލްގައި ދައްކުވައިދިނީ ވަރަށް އާދައިގެ ޕާރފޯރމެންސެކެވެ.

އެމެރިކާގައި ދިރިއުޅޭ އެފްރިކާ ނަސްލުގެ ރައްޔިތުންނާމެދު ކުރަމުން އަންނަ ނަސްލީ ތަފާތުކުރުމާއި ބެހޭ ސިޔާސީ ކޯޅިގަނޑެއްގެ ސަބަބުން، ފަހުގެ އަހަރުތަކުގައި ސުޕާރބޯލް ހާފްޓައިމް ޝޯ އަށްވެސް އޭގެ އަސަރު ކޮށްފައެވެ. އަދި ބެލެވޭ ގޮތުގަައި މި އަހަރުގެ ހާފްޓައިމް ޝޯގައި ޕާރފޯރމް ކުރުމުގެ ފުރުސަތު މެރޫން 5 އަށް ލިބިގެންދިޔައީ ގިނަ ހުނަރުވެރި މިޔުޒިކީ ފަންނާނުންތަކެއް ސިޔާސީ ސަބަބުތަކާއި ހުރެ ޝޯގައި ކުޅެން އިންކާރުކުރުމުގެ ސަބަބުންނެވެ.

Advertisement

ކޮމެންޓް

Advertisement