ކާމިޔާބު ރެޕް ލަވަކިޔުންތެރިޔާ "21 ސެވެޖް" އެމެރިކާއިން ހައްޔަރުކޮށްފީ!

06 Feb 2019 | 10:12

އޭނާގެ ރެޕް ކެރިއާރ ފެށުމުގެ ކުރިންވެސް އެމެރިކާގެ ސްޓޭޓްއެއް ކަމަށްވާ އެޓްލާންޓާއަށް ނިސްބަތްވާ މިޔުޒިކީ ތަރި "21 ސެވެޖް" އެމެރިކާގެ "އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)" އިން ހައްޔަރުކޮށްފިއެވެ.

ފެބްރުއަރީ 3 ވަނަ ދުވަހު މި ރެޕް ފަންނާނު ހައްޔަރުކުރުމާއި ގުޅިގެން، އޭނާއަކީ ހަޤީގަތުގައި އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށް ތުހުމަތުކޮށް، ވީސާ ހަމަވުމުގެ ސަބަބުން އެމެރިކާގައި ދެން އޭނާ އަށް ނުހުރެވޭނެކަމަށް އައިސް އިން ވަނީ ބުނެފައެވެ. އިމިގްރޭޝަންގެ މައްސަލަ ސިޔާސީގޮތުންވެސް އެމެރިކާގައި ހޫނުވެފައިވާ މި ދަނޑިވަޅުގައި، އައިސް އިން މިފަދަ މަޝްހޫރު ފަރާތެއް ހައްޔަރުކުރުމުން އެ ވުޒާރާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަށް ވަނީ އިތުރުވެފައެވެ.

21 ސެވެޖް (އަސްލު ނަން: ޝަ ޔާ ބިން އެބްރަހަމް-ޖޯސެފް)ގެ އެތައް މިލިއަން ފޭނުންނެއް ދަނީ އޭނާ ހައްޔަރުކުރުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި، 21 ސެވެޖްގެ ރެޕްތަކުންވެސް ހާމަވާގޮތުގައި އޭނާގެ ދިރިއުޅުމުގެ ބޮޑު ބައި އޭނާ ހޭދަކުރީ އެމެރިކާގެ އެޓްލާންޓާގައެވެ.

އެޓްލާންޓާގެ "އީސްޓްސައިޑް"ގައި ނިކަމެތި ގޮތަކަށް ބޮޑުވާން ޖެހުނު 21 ސެވެޖް އެންމެ ފުރަތަމަ ރެޕް އަށް ލޯބިކުރާ ފަރާތްތަކަށް ފެނިގެންދިޔައީ 2015 ވަނަ އަހަރެވެ. އަދި ކުއްލި ކާމިޔާބީއަކަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ އެލްބަމް (i am > i was) ވަނީ ބިލްބޯޑް ޗާޓުން 1 ވަނަ ހާސިލްކޮށްފައެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިން އައިސްގެ ތަރުޖަމާނު ބްރަޔަން ކޮކްސް ހާމަކުރާގޮތުގައި 21 ސެވެޖް ނުވަތަ އެބްރަހަމް-ޖޯސެފް އަކީ، 2005 ވަނަ އަހަރު އުމުރުން 13 އަހަރުގައި އެމެރިކާއަށް އެތެރެވި އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ވީސާގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ގިނަ ދުވަހު އެމެރިކާގައި މަޑުކުރުމުގެ ސަބަބުން ހިންގި "ޓާރގެޓެޑް އޮޕަރޭޝަން" އަކުން ކަމަށްވެސް ބްރަޔަން ފާހަގަކޮށްފައިވެއެވެ.

އެބްރަހަމް-ޖޯސެފް "21 ސެވެޖް" ގެ ގޮތުގައި މަޝްހޫރުވެފައިވަނީ، އެޓްލާންޓާގެ އެންމެ ނިކަމެތި ހިސާބުތަކުގެ ވާހަކަ އޭނާގެ ރެޕް އުފެއްދުންތަކުގައި ހިމަނައިގެންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެބްރަހަމް-ޖޯސެފް އަކީ އެމެރިކާގެ އެންމެ ނިކަމެތި ރައްޔިތުން ތަމްސީލްކޮށްދޭ، އެމީހުުންގެ ނުތަނަވަސްކަމާއި އުދާސްތަށް މިޔުޒިކް މެދުވެރިކޮށް ދުނިޔެއާއި ހިސާބަށް ފޯރުކޮށްދޭ ހުނަރުވެރި ފަންނާނެކެވެ.

އޭނާގެ ލޯޔަރުން އޭނަ ޑީޕޯޓްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް މިހާރު އަޅަން ފަށާފައިވާއިރު، އެބްރަހަމް-ޖޯސެފް ހައްޔަރުކުރުމާއި ގުޅިގެން އެމެރިކާގެ ނަން މަޝްހޫރު ސެލެބްރިޓީންގެ އިތުރުން އޭނާގެ ފޭނުންވެސް ދަނީ އޭނާގެ ދިފާއުގައި މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

Advertisement

ކޮމެންޓް