ރާޑަރގެ މަސައްކަތް 2005 ވަނަަ އަހަރުން ފެށިގެންދަނީ ކުރަމުން: ޝަމާލް

06 Feb 2019 | 20:18

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ރާޑަރތަކަކީ 2005ވަނަ އަަހަރުން ފެށިގެން ކުރިއަށްގެންދާ މަޝްރޫއުއެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މީގެ ކުރިން ސ.ގަން، ލ.އަތޮޅު ކައްދޫ، ހއ. އުލިގަން އަދި ހދ. މަކުނުދޫގައި ރާޑަރތައް ބަހައްޓާފައިވާ ކަމަށެވެ. ދެން ހުރި ބައެއް ތަންތަނަކީ މިހާރު ބިނާކުރަމުންދާ ތަންތަންކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ރާޑަރ ބަހައްޓާނެ ތަންތަން ކަނޑައަޅަނީ ރާއްޖެއިން ކަމަށްވެސް ޝަމާލް ފާހަގަކުރެއްވިއެވެ.

ޝަަމާލް އިތުރަށް ވިދާޅުވީ މިރާޑަރތައް ބެހެއްޓުމަކީ ސަލާމަތީ ގޮތުން ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހުރި ހުރިހާ ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް އަންނަ ކަމަކަށް ވެގެންދާނެކަމަށެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އިންޑިއާ ސިފައިން ހަރަކާތްތެރިވާނީ ރާޑަރުތައް އިންސްޓޯލްކުރަން އެކަނި ކަމަށާއި، އެފަރާތްތަކުން ރާއްޖޭގައި ގާއިމްވެގެން ނުތިބޭނެކަމަށެވެ.

"މީގެ ކުރީގައި ބެހެއްޓިފައި ހުރި ތިން ރާޑަރު މިހާރު އޮޕަރޭޝަނަލްކޮށް އެހެރީ. ޖުމްލަ ދިހަ ރާޑަރު މި އަންނަނީ. މިހާރު ބެހެއްޓިފައި ހުރި އެއްވެސް ރާޑަރެއް ބެހެއްޓުމަށް ފަހު އޭގެ އޮޕަރޭޝަންގައި، އޭގެ މެއިންޓެނެންސް، އޭގެ ބެލެހެއްޓުމުގައި، މިއިން އެއްވެސް މަސައްކަތެއްގައި އިންޑިއާގެ ސިފައިންގެ މީހަކު ނުހުންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް