ރައީސް ޔާމީންއާއި ދެކޮޅަށް ދައުވާކުރަން ފޮނުވައިފި

06 Feb 2019 | 22:12

މަނީ ލޯންޑަރިންގްގެ މައްސަލައެއްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާ ކުރަން ފުލުހުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މިކަން ޔަގީންކޮށް، ފުލުހުންގެ އިދާރާއިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެހުންނެވި މުއްދަތުގައި ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތައް ހިންގާފައިވާކަމުގެ ތުހުމަތުކުރެވި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ފުލުހަށް މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާ ކުރުމުން، އެ ފައިސާ ލައުންޑަރކޮށް، އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ފުުލުހުން ބުނީ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާގެ ގޮތުގައި ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ މައުލޫމާތު ތަހުގީގަށް އެނގިފައިވާކަމަށެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށާއި، އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލު ކުރުމަށް ރައީސް ޔާމީންގެ އަރިހުގައި ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުނުކޮށް، އެމަނިކުފާނުގެ ނަމުގައި އެ ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގުމައުލޫމާތު ދީފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު އެ މައްސަލާގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

Advertisement

ކޮމެންޓް