އެލް ކްލެސިކޯ: ބާސެލޯނާ 1-1 ރެއާލް މެޑްރިޑް

07 Feb 2019 | 06:45

ކޮޕާ ޑެލް ރޭގެ ސެމި ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗް 1-1 ކުން އެއްވަރުވެއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގާފައިވަނީ ރެއާލްއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަ ވަނަ މިނެޓުގައި ބެންޒީމާ ވަރަށް މޮޅަށް ކޮންޓްރޯލް ކޮށްލާފަ ދިން ޕާހަކުން ވަޒްކޭޒްއެވެ.

ފުރަތަމަ އެގާރައިގަ އާޖެންޓީނާގެ ތަރި މެސީ ނުހިމަނާ ކުޅުނު ބާސެލޯނާއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ މެލްކޮމްއެވެ.

ރެއާލްއަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ބޭލްވެސް ބެންޗުގައި އިނދެގެން ސްޓާޓް ކުރި މި މެޗުގައި ގިނަ ބައެއްގެ ލޯ އަޅައިގަތީ ބާސެލޯނާއަށް ލަނޑު ކާމިޔާބުކޮށްދިން މެލްކޮމް އަދި ރެއާލްގެ 18 އަހަރުގެ ތަރި ވިންސިއަސްއަށެވެ. މެލްކޮމް އަދި ވިންސިއަސްއަކީވެސް ބްރެޒިލްއަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.

ދެޓީމުގެ ފަރާތުންވެސް އެޓީންގް ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ހޯދާފައެވެ. މިގޮތުން ބޭލްއަށް ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ދެ ޓީމަށްވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ 1-1 ކުން އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމެވެ.

މި މުބާރާތް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ބާސެލޯނާ، ރެއާލްއައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް