ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރެއް ގާއިމްކުރާނަން: ރައީސް ޞާލިހު

07 Feb 2019 | 11:43

ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ގާއިމުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށާއި މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ގާއިމުކުރެވެމުންކަމަށެވެ.

އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ތެލެސީމިޔާ ބަލި ހުރި ފަރާތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ތެލެސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ ސީރަމް ފްރިޓީން ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.

Advertisement

ކޮމެންޓް