ޝެންގެން ވިސާގެ ޚިދުމަތް ދިވެހިންނަށް ފަސޭހަކޮށްދިނުމަށް އެދިއްޖެ

07 Feb 2019 | 19:30

ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ޒިޔާރަތްކުރުމަށް ބޭނުންވާ ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް ލުއިފަސޭހަތަކެއް ހޯއްދަވައިދެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު މިހެން އެދިވަޑައިގެންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ތުންގް ލައި މާގް އާއި އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޝެންގަން ވިސާ ހޯދުމުގައި ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަތަކެއް ބޭނުންވާ ކަމަށާއި އެކަމަށް އީޔޫގެ އެހީތެރިކަން ބޭނުންފުޅުވާކަމަށެވެ. 

ޔޫރަޕްއަކީ ރާއްޖޭގެ ގާތް މިތުރެއްކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ އެގުޅުންތައް އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ތުންގް ލައި މާގްއާއި އެކު މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު މާގް ވިދާޅުވީ އީޔޫގެ ފަރާތުން  ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރުމާއި، ނިރުބަވެރިކަން ނައްތާލުމަށާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެއަށް އެހީތެރިވާނެކަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ. މިއަދުގެ ބައްދަލުވުމުގައި މި ދެބޭފުޅުން ވަނީ ދެފަރާތުގެ ގުޅުންތައް ބަަދަހިކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕޮލިސީ ޑައިލޮގްއާއި ގުޅޭގޮތުންެވެސް ވާހަކަފުޅު ދައްކަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު، ބެލްޖިއަމް އަދި އީޔޫއަށް ރާއްޖެއިން އައްޔަންކޮށްފައިވާ ސަފީރު ހަސަން ސޯބިރު، އަދި މިނިސްޓްރީގެ ޑިރެކްޓަރ ޝިއުނީން ރަޝީދު ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް