މާރިޔާ ދެއްކެވި ވާހަކަތައް ފަތުރަނީ މާނަ އޮޅޭ ގޮތަށް: ޑިފެންސް

07 Feb 2019 | 22:20

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގެ ހަބަރުތައް ފަތުރަމުންދަނީ، އޭގެ މާނަ އޮޅޭ ގޮތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ޚަބަރުތައް ފަތުރަމުންދަނީ އޭގެ މާނައޮޅޭ ގޮތަށް ކަމަށާއި، އެފަދަ ވާހަކަތައް ފަތުރަމުންދަނީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

އެމިނިސްޓްރީ އިން ބުނެފައިވަނީ އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި މާރިޔާ ވިދާޅުވި އެއްޗެއްގެ މާނަ ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާކަމަށެވެ.

އެމިނިސްޓްރީން ބުނެފައިވަނީ އެ ބަސްދީގަތުމުގައި މާރިޔާ ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހުތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމު ކަމަށާއި، އަދި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑުކަމުގައިވިޔަސް ދެ ގައުމުން އަބަދުވެސް އެއް ގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް އޭގެއިން ތަންކޮޅެއް ނަގައިގެން އެކަމަނާގެ ވާހަކަފުޅު އޮޅޭ ގޮތަށް ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލާއި ސިޔާސީ މަންފާ ހޯދުމަށް ބައެއް ފަރާތްތަކުން އެވަހަކަދައްކަމުންދާކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލްއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށާއި އެއީ އެގައުމަށް ފަސޭހަވެސް ކަމެއް ކަމަށެވެ. އަދި އެގައުމުގެ ފުލެއިޓާއި އަޅާބަލާއިރު ރާއްޖެއަށް ހުއްޓުވޭނެ ގޮތެއްވެސް ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް