ރިޔާސީ ބަޔާނުން އުއްމީދުގެ އަލިކަމެއް އުދަރެހަކުން ނުދައްކައެވެ.

09 Feb 2019 | 13:35

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އެނަލައިޒްކޮށްލުމުން އަޅުގަނޑު އަޅައިގަތް ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. ބައެއް މީޑިއާތަކުން ސިފަކުރާގޮތުގައި އެމަނިކުފާނުގެ ރިޔާސީ ބަޔާނަކީ އުއްމީދީ ބަޔާނެކެވެ.

އުއްމީދީ ބަޔާނަކަށްވަނީ ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހްކުރާނެކަމަށް ވިދާޅުވާތީއެވެ.

ދައުލަތުން ވައްކަންކޮށްފައިވާ މީހުންގެތެރެއިން ހަމައެކަނި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވައްކަންކުރި މީހުންނާއި ފައިސާ ހޯދާނެކަމަށް ވިދާޅުވާތީއެވެ. ޚާއްސަކޮށް ޔާމީނެވެ.

މަރުހޫމް އަފްރާޝީމް އަލީއާއި އަދި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަޔަކު މަރާލާފައިވާ ދެމީހެއްގެ މަރުގެ ފަހަތުގައިވާ މީހުން ހޯދައި އިންސާފު ގާއިމުކުރައްވާނެކަމަށް ވިދާޅުވުމުންނެވެ.

ދެންއޮތީ ވޭތުވެދިޔަ ހުރިހައި ސަރުކާރުންވެސް ވައުދުވެ ނުފުދި އޮތް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް އެމަނިކުފާނުގެ ފަސް އަހަރުގެތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެވެ.

އެކަމަކު މިއުއްމީދީ ވާހަކަތަކާއެކުވެސް ރިޔާސީ ބަޔާނުގެ ފަހަތުން ފެންނަ އެހެން ވާހަކަތަކެއް އެބަހުއްޓެވެ.

ރިޔާސީ ބަޔާނުން ބުނެދޭ އެއްވާހަކައަކީ ގަދަކަނޑަކަށް ރައީސް ސާލިހް އެމަނިކުފާނުގެ ނާ މިސްރާބު ކުރައްވައިފިކަމެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތަޖުރިބާ މަދު ރައީސް މުހައްމަދު ނަޝީދު ގައުމުގެ ނާ މިސްރާބު ކުރި ފަދައިންނެވެ. 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީން އެކަނި ނުކުމެ މެޖޯރިޓީ ހޯދަން ކެމްޕެއިންފެށުމުގެ ބޮޑު ޖަލްސާގައި ރައީސް ނަޝީދު އޭރު އިދިކޮޅު ޕާޓީ، ޑީއާރްޕީ ސިފަކުރީ ވަގުންގެ ޕާޓީއެއްގެ ގޮތުގައެވެ. އެޕާޓީގެ ވެރިންނަކީ ޝަރީއަތުގެ ކުރިމައްޗަށް އަންނަންތިބި ބައެއްކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވިއެވެ. ބަސްމަގު ވަރަށް ހަރުކަށްޓެވެ. ދެން އައިސް ދުވަސްތަކުގައި އިދިކޮޅު ސިޔާސީ ލީޑަރުންކުރެ ފަހަރަކު މީހަކު ފަހަރަކު މީހަކު ހައްޔަރުކުރަންފެށިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަޅުއެޅުވީ އަބްދުﷲ ޔާމީންކަމަށް ރައީސް ސާލިހް ވިދާޅުވިނަމަވެސް ތާރީޚް ބުނަނީ އެމްޑީޕީ ވެރިކަމުން ފޭބީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހިސާރުކޮށް، މަޖިލިސް ހުއްޓުވައި ޖަލްސާތައް ބޮއިކޮޓް ކުރުން ނޫންކަމެއް އެމްޑީޕީންވެސް ނުކުރާކަމެވެ.

ފަނޑިޔާރުގެއާއިޖެހި ދައުލަތް ހިންގުން އޮތީ ހުއްޓުން އަރާފައެވެ.

އާ އިގްތިސާދީ އެޖެންޑާއެއް ތައާރަފްކުރައްވައި، ކުރަންފެށްޓެވި ކަންތައްތަކުން އިގްތިސާދު އިނދަޖެހުނެވެ. ސަރުކާރުން ވިޔަފާރިނުކުރާނެކަމަށް އިއުލާންކުރައްވައި ސަރުކާ ކުންފުނިތަކުގެ ހިއްސާ ސަރުކާރުގެ ވެރިންނަށް ނާޖާއިޒްފައިދާ ލިބޭގޮތަށް ކަމަށް ތުހުމަތުކުރެވޭ ގޮތްގޮތަށް އެއްވެސް ޓްރާންސްޕޭރަންސީއެއްނެތި ވިއްކައި ކުންފުނިތަކުން ކުރަމުން އައި ވިޔަފާރިތައް ހުއްޓާލުމުން އެއިންޒަމާނަކުވެސް ސަރުކާރު ކުންފުނިތައް ނުވެއްޓޭފަދަ އަދިރި ވަޅުގަނޑަކަށް ވެށްޓި ބަގްރޫޓްވުމާއި ދާދި ގާތަށް ދިޔައެވެ. އެއީ އިއްޔެގެ ތާރީޚެވެ. އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިތާރީޚުން ލިބިވަޑައިގަތީ ކޮންފިލާވަޅުތަކެއްކަމެއް ނޭގެއެވެ. ފެންނަ ފެނުމަށް ރައީސް މުހައްމަދު ނަޝީދު ފަހަތްޕުޅުގައި ހުންނަވައިގެން އެމަނިކުފާނު ކޮއްޕަވަމުން ކޮއްޕަވަމުން އެގެންދަވަނީ ހަމަ އެއްމިސްރާބަށެވެ. ދެކޮޅުވެރިކަމާއި ތަޅާފޮޅުން ހިމެނޭ ކަނޑެއްގެތެރެއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ރައީސް ސާލިހް

ރައްޔިތުންގެ މަޖިލީހުގެ ވާދަވެރިކަން

ރިޔާސީ ބަޔާނުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ސަރުކާރުގެ ކޯޅުންބޮޑު ކޯލިޝަނާމެދު އެއްވެސް އެއްޗެއް ރައީސް ވިދާޅެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އެންމެ ބޮޑު ހަގުރާމައެއް ހިގާނީ މަޖިލީހުގެތެރެއިންނެވެ. ރައީސް މުހައްމަދު ނަޝީދުވަނީ ދައުލަތް ހިންގުމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީއަކަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއަކުން އެކަމަށް ތާއީދެއް ނުކުރެއެވެ. އެހެންވީމާ އެބަހުސެއް އާދައިގެ ގޮތަކަށް ނުދާނެއެވެ. ހަމަ އެބަހުސް ހިގަމުންދާއިރު ފަނޑިޔާރުގެ އެމްޑީޕީ ބޭނުންވާގޮތަށް ބަދަލުކުރުމުގެ އެޖެންޑާވެސް މަޖިލިސްތެރެއަށް އަންނާނެއެވެ.

އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއަކުން ފަނޑިޔާރުގެ ސިޔާސީ ކުރަން އެމްޑީޕީން ހުށަހަޅާކަންތައްތަކަށް ތާއީދުކުރާ ތަނެއް ނުފެނެއެވެ. އެމްޑީޕީގެ ފައުޖާއިގެން ނުކުންނަވާ ރައީސް ނަޝީދު ހުންނެވީ ދޫދެއްވާގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރިހައި ދާއިރާއަކަށް ކުރިމަތިލައިގެން އެހުރިހައި ގޮނޑި ކާމިޔާބު ނުކުރެވޭނެކަން އެގޭއިރުވެސް ގޮތް ދޫކުރުމުގެ ބަދަލުގައި ކުރިއަށްނެރެނީ ހަރުކަށިކަމާ ގޮތްދޫނުކުރުމެވެ.

އެހެންކަމުން ރިޔާސީ ބަޔާން އެނަލައިޒްކުރުމުން ރައީސް ސާލިހްގެ ފުރަގަހުން ނަގަމުން ހުޅިލަމުންދާރާޅު ކިތަންމެހާވެސް ބިޔަވެފައި ވަޔަލަންޓްކަމަށް ބުނެވިދާނެއެވެ.

ކުރިއަށް އޮތީ ދުވަސްތަކެކެވެ. ސާލިހް ވިދާޅުވިފަދަ އަމަން އޮމާންދުވަސްތަކެއްތޯ ނުވަތަ ތާރީޚް އިއާދަވުންތޯ އޮތީ އިންތިޒާރުކޮށްލުމެވެ. ކިތަންމެ ބާރުގަދަ ބަސްފުޅުތަކަކުން ރިޔާސީ ބަޔާންގެ ބައެއް ލަފްޒުތައް ވިދާޅުވިޔަސް އުއްމީދުގެ އަލިކަމެއް އުދަރެހަކުން އަދި ނުދައްކައެވެ.

Advertisement

ކޮމެންޓް