Advertisement

އިންޑިޔާއަށް ކަނޑައެޅުނު ފުރަތަމަ އަންހެން ސަފީރު، މަގާމުގެ ފަތްކޮޅު އަރުވައިފި

08 Feb 2019 | 15:26

ދިވެހިރާއްޖޭގެ ފަރާތުން އިންޑިޔާއަށް ކަނޑައެޅުނު ފުރަތަމަ އަންހެން ސަފީރުގެ ޝަރަފާއި އެކު ޢާއިޝަތު މުޙައްމަދު ދީދީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފިއެވެ.

ޢާއިޝަތު މުޙައްމަދު ދީދީ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާ ގެ ރައީސްއަށް އެރުވީ މިއަދު އިންޑިއާ ގެ ރައީސްގެ ގަނޑުވަރު ކަމުގައިވާ "ރަޝްތްރަޕަތީ ބަވަން" ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ވާހަަފުޅު ދައްކަވަމުން އިންޑިއާ ގެ ރައީސް ރާމް ނާތް ކޯވިންދްވަނީ އެ ކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރަށާއި ދިވެހިންނަށް ވެސް އުފާފާގަތިކަން ލިބުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު އާއިޝަތު މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާ އިން ދެމުންގެންދާ ގިނަގުނަ އެހީތަކަށް ޝުކުރުއަދާ ކުރައްވައި، އެ ކަމަނާގެ ސަފީރުކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނޭކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

ޢާއިޝަތު މުޙައްމަދު ދީދީ އަކީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީގުޅުން ޤާއިމްކުރުމަށްފަހު، އިންޑިއާގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ކަނޑައެޅުއްވި 5 ވަނަ ސަފީރެވެ.

Advertisement

ކޮމެންޓް

Advertisement