ގައުމަށްޓަކައި ކޮށްދިންކަމުގެ ބަދަލަކަށް ނޭއްސެވި ރަދުން!

08 Feb 2019 | 16:39

ދިވެހިރާއްޖޭގެ މުއްސަނދި ތާރީޚުގެ ބޮޑުބައެއްގައި، މި ދީބުގެ ރަށްތަކުގައި އުޅެފައިވާ ފަރާތްތަކަކީ މިނިވަން މުސްތަގިއްލުކަންމަތީ ދިރިތިބި ބައެކެވެ. މަދު ފަހަރެއްގައި މެނުވީ ދިވެހިންގެ އަތުން މިނިވަންކަން ގޮސްފައި ނެތްހިނދު، އެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކުމެ ދިވެހިންގެ ތެރެއިން ގަދަ ފަހުލަވާނުންކޮޅެއް ވަނީ ކަމަރުބަނދެ އެ މިނިވަންކަން އަނބުރާ ހާސިލްކޮށްފައެވެ.

މިފަދައިން ދިވެހި ދީބުގެ މިނިވަންކަން އަލުން ހޯދައިދޭ ޚާއްސަ ބަތަލުންގެ ވާހަކަތަކަކީ އެވާހަކަތައް އަޅުގަނޑުމެން އަބަދުމެ ދައްކަން ޖެހޭނެފަދަ ވާހަކަތަކެވެ. މި ބަތަލުންގެ ތެރެއިން މިއަދު ފާހަގަކުރެވެމުންދާ ހުރަވީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ، ދިވެހި ތާރީޚުގައި ފާހަގަކުރެވިފައިވަނީ ގައުމަށްޓަކައި، އަމިއްލަ އެއްވެސް ބޭނުމެއްނެތި ޖިހާދު ކުރެއްވި މަތިވެރި ޝަހުސިއްޔަތެއްގެ ގޮތުގައެވެ. އާދެ، އެދުމެއް ނެތި ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމުގެ ވެދުން ކުރެއްވި ވަރުގަދަ ފަހުލަވާނުގެ ގޮތުގައެވެ.

މާލެ އަތޮޅު ހުރާ އަލްވަޒީރު ހުސެން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވީ ގައުމީ ޖިހާދެއްގެ އިތުރުން އާއިލީ ޖިހާދެއްވެސް މެއެވެ. އެއީ ދޮންބަންޑާރައިންގެ ބައްޕާފުޅަކީ އޭރު ރަސްކަމުގައި ހުންނެވި މުކައްރަމު މުޙަންމަދު ޢިމާދުއްދީންގެ އެންމެ އިސް އެހީތެރިޔާއަށްވީތީއެވެ. ހޮޅީން ރަސްގެފާނު އަތުލައިގަނެގެން ގެންދިޔައިރު، ދޮންބަންޑާރައިންގެ ބައްޕާފުޅު ވެސް ގެންދެވުނީއެވެ.

މަސްތުގެ ހާލަތުގައި ހޮޅިންގެ ލަޝްކަރު ވެޔޮދޮށު ގަނޑުވަރުގައި ތިއްބާ، މުނާޖާގޮވުން އަވަސްކުރައްވައިގެން އެ ހޮޅީން ބަލިކުރެއްވި ވާހަކައަކީ އަޅުގަނޑުމެންގެ ތާރީޚީ ފޮތްތަކުގައި ބިންވަޅުނެގިފައިވާ ވާހަކައެކެވެ. ނަމަވެސް ދައްކާލަން މިއުޅެނީ އެ ވާހަަކައެއް ނޫނެވެ. އެއަށްފަހުގައިވެސް، ދޮން ބަންޑާރައިންގެ ސުލޫކާއި ރިވެތި އަޚުލާގުގެ ލާމަސީލު މިސާލު ދައްކުވައިދިން ހާދިސާާތަކުގެ ވާހަކައެވެ.

ހޮޅީންގެ ކިބައިން މާލެ މިންޖުކުރެއްވުމުން، އެމަނިކުފާނަށް ވެރިކަން ހުށައެޅުއްވުުމުންވެސް އެ ގައުމީ ޖިހާދުގެ ބަދަލެއްެގެ ގޮތުގައި ތަޚުތަށް އިސްވެ ވަޑައިގަތުމަށް އެމަނިކުފާނުގެ ހިތްޕުޅާއިނުވިއެވެ. އޭގެ ބަދަލުގައި ދޮންބަންޑާރައިން ބޭނުންފުޅުވީ ސުލްތާން މުކައްރަމް އިމާދުއްދީން ދުނިޔޭގައި ހުންނެވި ތާކުން ހޯއްދަވައި، އެރަދުންނާއި، އެރަދުންގެ ދަރިފަސްކޮޅާއި ވެރިކަން ހަވާލުކުރެއްވުމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރައްޔިތުން އެދި އެދި ތިއްބާވެސް ދޮންބަންޑާރައިން އެ ދަރިކޮޅުގެ އަންހެން ބޭފުޅަކު ރަސްކަމަށް އިސްކުރައްވައިފިއެވެ. އާދެ، އާމިނާ ރަނިކިލޭގެފާނުން ރަސްކަމަށް އިސްކުރައްވާ، އެ އަންހެން ބޭފުޅާގެ ނަންފުޅުގެ މައްޗަށް ރީޖެންޓެއްގެ ގޮތުގައި ދޮންބަންޑާރައިން ވެރިކަން ކުރައްވަމުން ގެންދެވިއެވެ. އަމިއްލަ އެދުމެެއް ނެތްކަމުގެ ކިހާވެސް ލާމަސީލު މިސާލެއްތޯއެވެ.

އެހެނަސް، މުކައްރަމް އިމާދުއްދީން ރާއްޖެ ނުގެނެވި، މަލިކުގައި ހުންނަވަނިކޮށް އަަވަހާރަވީކަމަށް ތާރީޚީ ފަތްފުތްތަކުގައިވެއެވެ. މި ހިސާބުންވެސް އެމަނިކުފާނު ތަޚުތަށް އިސްވެ ވަޑައިގަތުމުގެ ޚިޔާލާތެއް ނުގެންގުޅުއްވައެވެ. އޭގެ ބަދަލުގައި ބެއްލެވީ އަވަހާރަވީ ރަދުންގެ ކޮއްކޯފުޅު މުޙައްމަދު މަނިކުފާނު ހޯއްދެވުމަށެވެ. މިއީ ރަދުންނަށް ބޮޑުބޭބޭ ވިދާޅުވާ ބޭފުޅެކެވެ.

އެ މަނިކުފާނު ހޯއްދެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، އާމިނާ ރަނިކިލެގެފާނުގެވެސް އެދުމުގެ މަތިން ދޮންބަންޑާރައިން ރަސްކަމަށް އިސްެވެ ވަޑައިގެންނެވިއެވެ.

މިގޮތަށް އެމަނިކުފާނު ތަޚުތުގައި ރަސްކަން ކުރައްވަމުން ދަނިކޮށް ދޮންބަންޑާރައިން ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވި ދިޔަމިގިލީ ދަރިކޮޅުގެ މުޙައްމަދު ކަލަމިންޖާ ރާއްޖެ ވަޑައިގެންނެވިއެވެ. އެ ރަދުން މާލެއަށް ވަޑައިގަތުމުން ވަލީއަހުދެއްގެ ޝަރަފުގައި މަރުހަބާ އަރުވައި، އެތެރެކޮއިލުގައި ބެހެއްޓެވިއެވެ.

އެމަނިކުފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން، މަރުދާނުގައި އޮންނަވަން ޖެހިވަޑައިގަތްކަން ޔަގީންވުމުން ރަދުން އިސްކުރެއްވި ކަމަކީ ރާއްޖޭގެ ތަޚުތު، އެ ތަޚުތުގެ ހައްގު ފަރާތަށް ހަވާލުކުރުމަށެވެ. ބޮޑުންނާއި ކޮއިލުގެ ބޭފުޅުންނާއި އާއިލާ އެއްކުރައްވާ އެރަދުން ކުރެއްވި ވަސިއްޔަތަކީ ކަރުނުން ފުރިފައިވާ ވަތަނީ ވަސިއްޔަތެކެވެ.

އާދެ، އެ މަނިކުފާނު ވިދާޅުވީ ތިމަންގެ މިތިބަ ދެ ދަރިން މާތް ﷲ އާ ވަކީލުކަމަށެވެ. އަދި ދިވެހި ރަސްކަން ދިޔަމިގިލީ މުޙައްމަދު މަނިކުފާނާ ހަވާލޭ، އެއީ އެބޭފުޅުންގެ ހައްގެއްކަމަށެވެ. ކިހާވެސް މަތިވެރިތޯއެވެ. ޒާތީ ތަޢައްސުުބުން ދުރުވެ، އާއިލާގެ ބާރާއި ނުފޫޒަށްވުރެ އިސްކުރެއްވީ ގައުމާއި ވަތަނީ ލޯތްބެވެ.

ގައުމަކަށް ޚިދުމަތެއް ކޮށްދެވެނީ މިހާ މަތިވެރި މިންވަރަކަށް ނޫންތޯއެވެ. އެކޮށްދިން ޚިދުމަތުގެ ބަދަލެއް ނާހައި، ބާރުވެރިކަމާއި ޝާނާއި ޝައުކަތެއް އެ ރަދުން ބޭނުންފުޅެއް ނުވިއެވެ. 21ވަަނަ ގަރުނުގެ ރާއްޖޭގެ "ސިޔާސީ ބަތަލުން" އެފަދަ ތޯއެވެ؟ ދޮންބަންޑާރައިން ފަަދައިން އެބޭފުޅުން ދިވެހި ގައުމުދެކެ ލޯބިފުޅުވޭބާވައެވެ؟ ޖަވާބަކީ ތިޔަބޭފުޅުން އަމިއްލަފުޅަށް ތަޞައްވުރު ކުރައްވަން ވާނޭ އެއްޗެކެވެ.

Advertisement

ކޮމެންޓް