ބަޖެޓު އަވަހަށް ފޮނުވައި ދެއްވާ: ނިހާން

03 Oct 2018 | 20:30

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށްދެއްވައި އަވަހަށް ފޮނުވައި ދެއްވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އިންތިހާބީ ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ.

ޕީޕީއެމް އިން ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގަތް ވައުދުތައް ފުއްދަވައިދެއްވަން ޕީޕީއެމް އިން އެހީތެރިވާނެކަން ހާމަކުރައްވާފައެވެ.

ނިހާން އިތުރަށް ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮކުރުމަކީ ވެސް މިސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ. އެވައުދު ފުށްދުމަށްޓަކައި ތިންސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ރުފިޔާ ވަރު ބޭނުންވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކޮށްފައި ފޮނުއްވައި ދެއްވުމަށް އެދި ރަސްމީކޮށް މިހާރުވާނީ އިބްރާހީމް މުހައްމަދު ސާލިހަށް ދަންނަވައިފައި ކަމަށެވެ. އެބޭފުޅުންގެ ވަރަށްގިނަ ވައުދުތައް ވެވަޑައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ ފައިސާ ބޭނުންވާ ކަންކަން ހިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބެޖެޓުގައި ޓެކްނިކަލް އެހީތެރިކަން ދެއްވަން ވެސް އިބްރާހީމް މުހައްމަދު ސާލިހަށް ދަންނަވާފައިވާނެ ކަމަށެވެ.

މިމަހުގެ 31 ކުރިން ބަޖެޓު ފޮނުވަންޖެހޭ ކަމަށާއި އެއަށްވުރެ ކުރިން އޭގައި ހިމަނަން ބޭނުންވާ ކަންކަން ފޮނުއްވައި ދެއްވުމަށް ވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް

Advertisement