Advertisement

ނެޓްފްލިކްސް އޮރިޖިނަލް "އޮން މައި ބްލޮކް": ރިލީޒް ކުރިތާ އަހަރެއް ފަހުންވެސް ސުޕާރ-ހިޓެއް!

10 Feb 2019 | 07:27

ނެޓްފްލިކްސް ގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި މިފަހަރު ބެލުންތެރިންނަށް ހިއްސާކޮށްފައިވަނީ ޒުވާނުންނަށް ޙާއްސަ "އޮން މައި ބްލޮކް" ނަމަކަށް ކިޔޭ 10 އެޕިސޯޑުގެ ސީރީޒެކެވެ.

އެމެރިކާގެ ސިޓީއެއްގައި ހައި ސްކޫލް ތަޢުލީމް ހާސިލްކުރަމުންދާ 4 ޒުވާނެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ މި ސީރީޒް މިދިޔަ އަހަރުގެ މާރޗް މަހު ރިލީޒްކޮށްފައިވާއިރު، މީސް މީޑިއާގައި ގިނަ ބެލުންތެރިންގެ ސަމާލުކަމަށް "އޮން މައި ބްލޮކް" އައިސްފައިވަނީ 2019 ވަނަ އަހުރު ފެށުމުގެ ފަހުންނެވެ.

ފުރާވަރުގެ ކުދިންނަށް ޙާއްސަ، ކޮމެޑީގެ ބައިވެސް ހިމެނޭ މި ސީރީޒަކީ މޮންސެ، ރޫބީ، ޖަމާލް އަދި ސީޒަރ ނަމަކަށް ކިޔޭ ހައި ސްކޫލް ދަރިވަރުންތަކަކަށް ދިމާވާ ކަންތައްތަށް ދައްކުވައިދޭ އުފެއްދުމެކެވެ.

އެކުވެރިކަމާއި ސްކޫލް ދިރިއުޅުމުގެ ތެރެއިން ޒުވާނުންނަށް ދިމާވާ ކަންތައްތައް މި ސީރީޒުން ދައްކުވައިދީފައިވާ މޮޅު ގޮތުން ގިނަ ބަޔަކު ދަނީ "އޮން މައި ބްލޮކް" ގެ އުފެއްދުންތެރިންނަށް ތަޢުރީފުކުރަމުންނެވެ. ފުރާވަރުގައި ކުރިމަތިވާ އަޑިގަނޑުތަކާއި އުސްގަނޑު ތަކުގެ ތެރެއިން 4 ރަޙުމަތްތެރިޔަކު ބޮޑުވެގެންދާ ގޮތް މި ސީރީޒުން ދައްކުވައިދޭއިރު، ހިތް އުފާކޮށްދޭ މަންޒަރުތަކެއްގެ އިތުރުން ދެރަ މަންޒަރުތަކެއްވެސް ފެނިގެންދާނެއެވެ. އަދި ސީރީޒްގައި ބޭނުންކުރާ މިޔުޒިކަކީ ބެލުންތެރިންގެ އިހުސާސްތަކާއި ކުޅެލާނެގޮތަށް، ސީރީޒްގެ 4 ތަރިންގެ ވާހަކައާއި ވެސް ގުޅޭ އަސަރުގަދަ ސައުންޑްޓްރެކެއްކަން ފާހަގަކޮށްލެވެއެވެ. 

މި ސީރީޒްގެ ވާހަކައިން ނަސްލީ ތަފާތުކުރުމުގެ އިތުރުން ފަޤީރުކަން ފަދަ ބޮޑެތި އިޖްތިމާއީ މައްސަލަތަކުގެ ސަަބަބުން ޒުވާނުންނަށް ދިރިއުޅުމުގައި ދިމާވާ ތަފާތު ނުތަނަވަސްކަމަށްވެސް އަލި އަޅުވާލައެވެ.

ސީރީޒްގެ މުހިންމު ރޯލްތަކުން ފެނިގެންދާ ޑިއޭގޯ ޓިނޯކޯ، ޖޭސަން ގެނާއޯ، ސިއެރާ ކެޕްރީ އަދި ބްރެޓް ގްރޭ އަކީ ޒުވާން، ހުނަރުވެރި އެކްޓަރުންނެވެ. މި ފަންނާނުން ސްކްރީނުން ދައްކުވައިދޭ 4 ދަރިވަރުންގެ މެދުގައި ފެނިގެންދާ ކެމިސްޓްރީއަށާއި، މޮޅު އެކްޓިންގް ހުނަރުގެ ސަބަބުން، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މި ސީރީޒަކީ ނެޓްފްލިކްސް ގެ އަމިއްލަ އުފެއްދުންތަކުގެ ތެރެއިން މިހާތަނަށް ފާހަގަކުރެވުނު އެންމެ މޮޅު އަދި ފުރިހަމަ އުފެއްދުންވެސް މެއެވެ.

Advertisement

ކޮމެންޓް