ކުލަ ބޭނުންކުރުމުގައި މީގެ ކުރިންވެސް އޮންނަނީ އެއް އުސޫލެއް: ފުއާދު

10 Feb 2019 | 17:05

ސިޔާސީ ޕާޓީތަކުގެ ކުލަތައް އެހެން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބޭނުންނުކުރެވޭގޮތަށް މީގެ ކުރިންވެސް އޮންނަނީ އެއް އުސޫލެއްކަމަށް، ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު ތައުފީގު މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ކުލަ ރަޖިސްޓަރވެފައިވާނަމަ އެހެން ފަރާތަކުން އެ ކުލަ ބޭނުންކުރެވިގެން ނުވާނެކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ކުލަތަކަކީ އީސީގައި ރަޖިސްޓަރކުރެވޭ އެއްޗެއްކަަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ މީގެކުރިންވެސް ސިޔާސީ ޕާޓީތަކުގެ ކުލަތައް ބޭނުންކުރުމުގައި، އެބޭފުޅާ ކޮމިޝަންގައި ހުންނެވި އިރުގައިވެސް މައްސަލަތަކެއް އުފެދުނުކަމަށް ފާހަަގަކުރައްވާފައެވެ.

ފުއާދު އިތުރަށް ވިދާޅުވީ ބެސްޓް ޕްރެކްޓިސްއަކީ ސިޔާސީ ޕާޓީއެއްގެ ކުލައެއް އެހެން ޕާޓީއެއް ނުވަތަ ފަރުދެއް ސިޔާސީ ކަމެއްގައި ބޭނުންކުރާނަމަ އީސީގެ ކިބައިން ހުއްދަ ނެގުންކަމަށާއި އެއީ އެކަން އޮންނަ ގޮތްކަމަށްވެސް އޭނާ ފާހަގަކުރެއްވެވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ހަރަކާތުގައި ރަސްމީކޮށް ބޭނުންކުރާ ކުލަ، އެހެން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކުރުމަކީ ގާނޫނީ ކުށެއްކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ. ބެލެވޭ ގޮތުގައި މިއީ ޖޭޕީގެ ފަރާތުން ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ފަހުމީ، އެމްޑީޕީގެ ކުލަތަކާއި ޑިޒައިންތައް ކެމްޕެއިނުގައި ބޭނުންކުރަމުންދާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާތީ ކުރެއްވި ޓްވީޓެކެވެ.

Advertisement

ކޮމެންޓް