ޗެންޕިއަންސް ލީގުގެ ރަސްގެފާނު ރެއާލް މެޑްރިޑް ބަލިވެއްޖެ

03 Oct 2018 | 07:36

ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ސީއެސްކޭއޭ މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗުން އެއް ލަނޑު ސުން ލަނޑުން ބަލިވެއްޖެއެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާފައިވަނީ 2 ވަނަ މިނެޓުގައި ސީއެސްކޭއޭގެ ނިކޮލާ ވްލާސިޗްއެވެ. ރަޝީއާގެ ސީއެސްކޭއޭ މޮސްކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް މި ބަދަލުތަކާއެކުވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް މެޗުގައި އުފައްދާފައިވަނީ ރެއާލްއިންނެވެ.

ރެއާލް ހިމެނޭ ގުރޫޕް ޖީގައި ދެން ކުޅުނީ ރޯމާ އަދި ވިކްޓޯރިއާ ޕްލެޒެންއެވެ. 

މި މެޗު ފަހެއް ސުމަކުން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައިވަނީ ރޯމާއިންނެވެ. ރޯމާގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޑިން ޒެކޯ، ޗެންގިޒް އުންޑަރ އަދި ޖަސްޓިން ކުލައިވެޓްއެވެ. ޒެކޯ ވަނީ މި މެޗުގައި ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ.

ރޭގެ ނަތީޖާތަކަށް ފަހު ގުރޫޕްގެ އެއް ވަނައިގަ އޮތީ ހަތަރު ޕޮއިންޓާއެކު ސީއެސްކޭ މޮސްކޯއެވެ. ރޯމާ އަދި ރެއާލްއަށް ތިން ޕޮއިންޓް ލިބުނުކަމުގައި ވިޔަސް ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ ރޯމާއަށެވެ. 

Advertisement

ކޮމެންޓް

Advertisement