މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހެރޮއިން ގިނަ އަދަދަކަށް ރާއްޖެއިން އަތުލައިގެންފިއެވެ.
މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ފަރާތުންނެވެ.
ކަސްޓަމްސްއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއަދު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕާރުސަލެއް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި ތަކެތި ޓެސްޓު ކުރުމުން ވަނީ ހެރޮއިން އަށް ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސް އިން އެއް ޕާރުސަލުން ވަނީ 287 ގްރާމްގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި އަނެއް ޕާރުސަލްގައި ހުރީ 288 ގްރާމްގެ މަސްތުވާ ތަކެއްޗެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި މިތަކެތި އައިސްފައިވަނީ ޕާކިސްތާނުންނެވެ.
މި ތަކެތި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ވަނީ ހަވާލުކުރެވިފައެވެ. މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.