ޗެލްސީ ލަދުވެތިކޮށްލާފަ ސިޓީ އަނެއްކާވެސް އެއްވަނައަށް

10 Feb 2019 | 23:30

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި ޗެލްސީ ބައްދަލުކުރި މެޗް 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ސިޓީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެޓީމްވަނީ މެޗުގެ ފުރަތަމަ 30 މިނިޓް ހަމަނުވަނީސް ޗެލްސީ ކޮޅަށް ހަތަރު ލަނޑު ވައްދާލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ސިޓީއަށް ކުރި ހޯދަދިނީ ސްޓާލިންގްއެވެ. ފަސް މިނެޓްތެރޭ ދެ ލަނޑު ކާމިޔާބުކޮށް ސިޓީގެ ލީޑް 3-0 ކަށް ހަދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ތަރި އަގުއޭރޯއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މެދުތެރެއަށް ކުޅެމުން އަންނަ ގުންޑޮގަންއެވެ.

ވަރުގަދައަށް ޕްރެސްކޮށްގެން އެޓޭކިންގް ރީތި ފުޓްބޯޅައެއް ކުޅެމުން ދިޔަ ސިޓީ، ޗެލްސީއަށް ހިފަހައްޓާ ނުލެވުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ކުރީ ކޮޅު ލިބުނު ޕެނަލްޓީއަކުން އަގުއޭރޯ ހެޓްރިކް ހަދާ މެޗުގެ ނަތީޖާ 5-0 ކަށް ހެދުމެވެ. މި ޕެނަލްޓީއަކީ ސްޓާލިންގްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ޑިފެންޑަަރ އަޒްޕިލިކުއެޓާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

އަގުއޭރޯގެ މި ހެޓްރިކާއެކު އޭނާވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ހެޓްރިކް ހަދާފައިވާ އެލަން ޝިއަރާގެ ރެކޯޑައި އެއްވަރުކޮށްފައެވެ. ޕްރިމިއާ ލީގުގެ ލެޖެންޑަރީ ފޯވަޑް ޝިއެރާވަނީ ޖުމްލަ 11 ހެޓްރިކް ހަދާފައެވެ.

އެދެވޭ ރަނގަޅު ކުޅުމެއް އެއްގޮތަކަށްވެސް ޗެލްސީގެ ފަރާތުން ނުފެނުނު މި މެޗުގައި އެޓީމް އިތުރަށް ހިތްދަތިކޮށްލީ ފަހު 10 މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ސްޓާލިންގް މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކުއެވެ.

މިއީ 1991 ގެ ފަހުން ވާދަވެރި މެޗެއްގައި ޗެލްސީ މިހާ ބޮޑު ބައްޔެއްވީ ފުރަތަމަ ފަހަރެވެ. ފުރިހަމަ ވަގުތު ހަމަވުމާއެކު ޗެލްސީގެ ކޯޗް ސަރީވަނީ އިދިކޮޅު ޓީމުގެ ކޯޗިން ސްޓާފްއައި ސަލާމްނުކޮށް ރުޅިވެރިކާމާއެކީ ގޮސްފަކަން ފާހަގަކޮށްލެވެއެވެ.

ސިޓީ އަދި ލިވަޕޫލްއަށް މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ސިޓީ ތާވަލުގެ އެއްވަނައިގަ އޮތީ ލިވަޕޫލްއަށްވުރެ އެއް މެޗް އިތުރަށް ކުޅެ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމްވަނީ ލެސްޓާ ސިޓީގެ މައްޗަށް 3-1 ކުން ކުރި ހޯދާ އެޓީމް ތާވަލުގެ ތިންވަނަ މަގާމުގައި އޮތް ލީޑް އިތުރަށް ފުޅާކޮށްފައެވެ. ޓޮޓެންހަމްއަށް 60 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައިގަ އޮތީ 51 ޕޮއިންޓް ލިބިގެންނެވެ. 

Advertisement

ކޮމެންޓް