Advertisement

މީސް މީޑިޔާގައި ނަބީހާއަށް ތައުރީފު އޮހެނީ!

11 Feb 2019 | 20:22

ދިވެހިރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ އުއްމީދީ ކުޅުންތެރިޔާ އައިމިނަތު ނަބީހާ ސަސްޕެންޑްކުރީ، ޓީމުގެ ހާާޒިރީގައި ތެދު މައުލޫމާތު ޖެހުމުންކަމަށް ހާމަވެ، ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރަން ފަށައިފިއެވެ.

ވަކި މުއްދަތެއް ނާންގައި ނަބީހާ ސަސްޕެންޑްކުރި މައްސަލައިގައި މީޑިޔާތަކަށް މައުލޫމާތުދެމުން ނަބީހާ ބުނީ ސަސްޕެންޑްކުރެވުނީ ގައުމީ ޓީމުގެ ހާޒިރީ ލިސްޓުގައި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިންގެ ނަމާ ދިމާލުގައި ނާންނަކަން ފާހަގަކުރުމުން ކަމަށެވެ.

ނަބީހާ ބުނީ އެގޮތަށް ހަދަން ޖެހުނު ސަބަބަކީ ކޯޗަށް ހާޒިރީ ކަންތައްތައް ރަނގަޅަށް ނުބެލި، ޕްރެކްޓިހަށް ހާޒިރުނުވާ ކުޅުންތެރިން ވެސް، އައި ކަމަށް ފާހަގަޖަހާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންކަމަށެވެ. ނަަމަވެސް، ގައުމީ ޓީމުގެ މެނޭޖްމަންޓަށް ނަބީހާ ތެދުހެދުމަކީ މައްސަލައަކަށްވެ، އޭނާ ސަސްޕެންޑްކުރިކަން ފާހަގަކޮށްލެވެއެވެ.

އެކަމާއި ގުޅިގެން ނަބީހާގެ ކުށެއް ނެތްކަމުގައިވިޔަސް އޭނާވަނީ ކޯޗާއި މެނޭޖަރުގެ ކިބައިން މައާފަށް އެދި ފަހުން އެސޯސިއޭޝަނަށް ވެސް މައާފަށް އެދި ސިޓީއެއް ފޮނުވާފައެވެ.

އެނގިފައިވާ ގޮތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކުރެވޭނީ ހާޒިރީގެ 80 އިންސައްތަ ލިބިފައިވާ ނަމައެވެ.

ނަބީހާގެ ކުށެއް ނެތަސް އޭނާ މައާފަށް އެދުމާއި ގުޅިގެން މީސް މީޑިޔާގައި ގިނަބަޔަކު ދަނީ އޭނާއަށް ތައުރީފުުކުރަމުންނެވެ. އެގޮތުން އަމިއްލައަށް ކުރެވުނު ކަމަކީ ކުށެއް ނޫންކަމުގައިވިޔަސް އެކަން ގަބޫލުކޮށް މައާފަށް އެދުމަކީ މަދުން ނޫނީ ނުފެންނަކަމެއްކަމަށް އެއްފަރާތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ނަބީހާއަށް ތައުރީފުކޮށް، އޭނާއަށް ޕްރެކްޓިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަނަށް ގޮވާލާފައެވެ.


Advertisement

ކޮމެންޓް