އިރާގުގެ ރައީސްއަކަށް ކުރުދީ ނަސްލަށް ނިސްބަތްވާ ސާލިހް

03 Oct 2018 | 09:46

އިރާގުގެ ރައީސްކަމުގެ މަގާމަށް ކުރީދީ ނަސްލުގެ ބަރްހަމް ސާލިހް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހޮވައިފިއެވެ.

ޕެޓްރިއޯޓިކް ޔޫނިއަން އޮފް ކުރުދިސްތާނަށް ނިސްބަތްވާ ސާލިހް އިރާގުގެ ރައީސްކަމަށް ހޮވިފައިވަނީ ކުރިދިސްތާން ޑިމޮކްރެޓިކް ޕާޓީގެ ފުއާދް ހުސެއިންއާއި ވާދަކޮށްގެންނެވެ. ގާނޫނު ހަދާ މަޖިލީހުން ސާލިހަށް 219 ވޯޓް ލިބިނުއިރު ފުއާދަށް ލިބިފައިވަނީ 22 ވޯޓެވެ.

އިރާގުގެ އެއްބައިވަންތަ ކަމާއި ސަލާމަތްތެރިކަން ހިމާޔަތްކުރައްވާނެކަމަށް 58 އަހަރުގެ ސާލިހްވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވައުދުވެވަޑައިގެންފައެވެ.

ސާލިހަކީ 2003 ވަނަ އަހަރު ސައްދާމް ހުސެއިންގެ ވެރިކަން ނިމުމަކަށް އައި ފަހުން އުފެދުނު ވަގުތީ ސަރުކާރުގަ ހިމެނުނު ބޭފުޅެކެވެ. އެއަށްފަހު ނުރީ މާލިކީ ޕްރައިމް މިނިސްޓަރުކަމުގައި ހުންނެވި އިރު ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަން ވެސް ސާލިހް ކުރެއްވިއެވެ. މީގެ އިތުރުން އިރާގުގެ ކުރުދީންގެ ރީޖަނަލް ސަރުކާރުގެ ޕްރައިމް މިނިސްޓަރުގެ މަގާމުވެސް ސާލިހް ވަނީ ފުރުއްވާފައެވެ.  

Advertisement

ކޮމެންޓް