ރައީސް ސޯލިހުގެ ބޯލިންގް މަަތަކުރުމަށް ޔުވްރާޖް ސިންގް އެކުވެނި ސްޓޭޑިއަމްއަށް!

12 Feb 2019 | 00:18

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ސްކޫލް ދައުރުގައިވެސް ވަރަށް މޮޅަށް ކްރިކެޓް ކުޅުއްވި ބޭފުޅެކެވެ. އެމަނިކުފާނު ދާދިފަހުން އެކުވެނި އިންޑޯ ކްރިކެޓް ހޯލްގައި އޮތް ޕްރެކްޓިސް ސެޝަނެއްގައި ލެފްޓް އާމް އޯވާކޮށް ބޯލިންގް ކުރެއްވި ވީޑިޔޯއެއް ވަނީ އާންމުވެފައެވެ. މި ވީޑިޔޯއަށް އެތައް ގިނަ ބަޔެއްގެ ތައުރީފު އޮހުނު އިރު، ރައީސް ސޯލިހު ކްރިކެޓް ޕްރެކްޓިސް ކުރެއްވީ ކީއްވެކަން ވަނީ ހާމަވެފައެވެ.

އެމަނިކުފާނު ޕްރެކްޓިސް ކުރައްވާފައިވަނީ މި ހުކުރު ދުވަހު، އެއާ އިންޑިޔާގެ ޓީމަކާއި ދިވެހިރާއްޖޭގެ ސަރުކާރުގެ ޓީމަކާއި ގައުމީ ކްރިކެޓް ޓީމް ކުޅުމަށް ހަމަޖެހިފައިވާ މެޗަށެވެ.

މިއީ އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ސީރީސް ފެއްޓުމަށް ކުޅެވޭ ދެ މެޗްކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މެޗުގައި އެންމެ ޚާއްސަ ކަމަކީ އިންޑިޔާގެ ޓީމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލު އަދި ވޯލްޑް ކަޕް އުފުލާލާފައިވާ ދެ ކުޅުންތެރިން ހިމެނުމެވެ. އެއީ، ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގެވެ. މި ޓީމުގައި މި ދެ ކުޅުންތެރިންގެ އިތުރުން ދެން ހިމެނޭނީ އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވާ ފަސް ކުޅުންތެރިއެއްގެ އިތުރުން މިހާރު ވެސް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ފަސް ކުޅުންތެރިންނެވެ.

މި ޓީމުން ހުކުރު ދުވަހުގެ ހެނދުނު ބައްދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާ ލީޑްކުރައްވާ ޓީމާއިއެވެ. އެ ޓީމްގައި ކެބިނެޓްގެ ބޭފުޅުން ފިޔަވައި ހިމެނެނީ ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް، ޗަމްޕާ ހުސެއިން އަފީފާއި ކެރަފާ އަހުމަދު ނަސީމާއި އިބްރާހިމް އިބްރާހިމް ނޫރައްދީން ފަދަ ބޭފުޅުންނެވެ.

އިންޑިއާ ޓީމާއި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ އެ ދުވަހުގެ މެންދުރުފަހު އެވެ.

މި މެޗުތައް ބެލުމަށް ވީހާވެސް ގިނަ ފަރާތްތައް ކުޅިވަރު އެކުވެނި ދަނޑަށް އައުމަށް މިނިސްޓްރީން އެދެއެވެ.

Advertisement

ކޮމެންޓް