"ހައި ފްލަޔިންގް ބާރޑް": މުޅިންވެސް އައިފޯން 7 އެސް އިން ޝޫޓްކޮށް ނެޓްފްލިކްސް އިން ހުށަހަޅަދޭ ފިލްމް!

22 Feb 2019 | 19:35

ފިލްމީ ދާއިރާގެ މާހިރުން ޤަބޫލުކުރާ ގޮތުގައި އޮސްކާ އެވޯޑު ހާޞިލްކޮށްފައިވާ ޑައިރެކްޓާރ ސްޓީވެން ސޮޑާރބާރގް ގެ އާ އުފެއްދުމަކީ، ބިރު ކުޑަ ޑައިރެކްޓަަރެއްގެ ފަރާތުން ބެލުންތެރިން ހައިރާންކޮށްލާނެފަދަ އުފެއްދުމެކެވެ. އޮންލައިން ސްޓްރީމިންގް ޕްލެޓްފޯރމްކަމަށްވާ ނެޓްފްލިކްސް އަށް ސްޓީވެން ތައްޔާރުކޮށްފައިވާ ފިލްމު "ހައި ފްލަޔިންގް ބާރޑް" އަކީ މިހާތަނަށް އޭނާގެ ކެރިއަރުގެ އެންމެ ވަރުގަދަ ހުށަހެޅުމެވެ.

ފިލްމުގެ ހުރިހާ ސީންތަކަކީ އައިފޯން 7 އެސް އަކުން ޝޫޓްކޮށްފައިވާ ފިލްމަކަށް ވުމުގެ ސަބަބުން މި ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކާއިއެކު ވަރަށް ބައިވަރު ވާހަކަތަކެއް ދައްކުވައިދޭ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

"ހައި ފްލަޔިންގް ބާރޑް" އަކީ ފޯނެއް މެދުވެރިކޮށް ސްޓީވެން ޝޫޓްކުރި ދެވަނަ ފިލްމެވެ. އޭނާ މިފަދަ ގޮތަކަށް ތައްޔާރުކރި ދެވަނަ ފިލްމަކީ، މިދިޔަ އަހަރު ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދި ސައިކޮލޮޖިކަލް ތްރިލާރ ފިލްމް "އަންސޭން" އެވެ. 

އެކަމަކު "ހައި ފްލަޔިންގް ބާރޑް" އަށްް ބަލާލާފަ މިއީ ފޯނަކުން ރިކޯޑް ކޮށްފައިހުރި މަންޒަރު އެކުލެވޭ ފިލްމެކޭ ބުނާކަށް ނޭނގޭނެއެވެ. ޑައިރެކްޓާރ ސްޓީވެން ވަނީ، މި ފިލްމު މެދުވެރިކޮށް ހޮލީވުޑްގައި ބަޖެޓް ކުޑަވުމުގެ ސަބަބުން އުފެއްދުންތެރިންނަށް ދިމާވަ ގޮންޖެހުންތަކަށް އަލި އަޅުވާލާފައެވެ. އަދި ތަފާތު ވާހަކައެއް ދައްކުވައިދޭ މި ފިލްމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ސްޓީވެން އަށާއި އޭނާގެ މަސައްކަތްތަކަށް ހުއްޓިފައެވެ.

"ހައި ފްލަޔިންގް ބާރޑް" އިން އިސް ރޯލްތަކުން ފެނިގެންދާނީ ޒެކެރީ ކުއިންޓޯ އަދި އާންޑްރޭ ހޮލަންޑެވެ. މި ފިލްމަކީ އެމެރިކާގައި ޙަރަކާތްތެރިވާ ކުޅޅިވަރު އޭޖެންސީއަކަށް، ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެން.ބީ.އޭ) ހުއްޓުމަކަށް އައުމުގެ ސަބަބުން ދިމާވާ ކަންތައްތައް ދައްކުވައިދޭ ފިލްމެކެވެ. ހެއްވާ މަޖާ އަދި މޮޅު ޑައިލޮގް އެކުލެވޭ މި ފިލްމުގައި އޮފީސް މާހައުލުގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ހިނގައިދާ ތަފާތު ކަންތައްތަކަށްވެސް އަލި އަޅުވާލައެވެ. 

Advertisement

ކޮމެންޓް