Advertisement

ކޮރަޕްޝަން ނައްތާލުން ފެށެނީ އަމިއްލަ ނަފްސާއި ހަަމައިން: ރައީސް ސޯލިހު

12 Feb 2019 | 15:07

ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށެނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށެނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަމަށާއި، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙްކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ މިއަދު މި ފެށުނު "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއްކަމުގައެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް