Advertisement

ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި!

ބަލްމާ-6 ބޯޓު ފަރަށް އަރާފައި-- ފޮޓޯ/ އެމްއެންޑީއެފް

ހަތަރު މީހުންނާއިއެކު، މާލެއިން ފުރި މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި އެވެ. 

ފަރަށް އަރާފައިވަނީ މާލެއިން ފުރައިގެން ގދ.ދެއްވަދޫއަށް ދަތުރުކުރި "ބަލްމާ-6" ނަަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. އެ ބޯޓު، ތ.ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

އެމްއެންޑީއެފް އިން ބުނީ، ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 19:00 ހާއިރު ކަމަށެވެ. 

އަދި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތުން، މިއަދު ހެނދުނުން ފެށިގެން ޕަންޕު ބޭނުންކޮށްގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފައިވާއިރު، އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ސިފައިންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން ކުރި މަސައްކަތުން ދޯނި ފުންކުރެވިފައިވަނީ މިއަދު 12:00 ހާއިރު ކަމަށްވެސް މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ. 

Advertisement

ކޮމެންޓް