ބީއެމްއެލް އިން އައްޑޫ ސިޓީގައި ބިޒްނަސް ސެންޓަރެއް ގާއިމްކޮށްފި

12 Feb 2019 | 21:48

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރ މިއަދު އައްޑޫ ސިޓީގައި ހުޅުވައިފިއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ޚިދުމަތްދޭން ފެށުނު ސެންޓަރެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެއެވެ.

ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވިގެންދާނެއެވެ.

މިއަދު ހިތަދޫގައި ބޭއްވި އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ " އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި، އައްޑޫ ގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސެންޓަރުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ."

އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ. އިންޓަރނޭޝަނަލް ފްލައިޓް ގަޑިތަކުގައި މި ކައުންޓަރުގެ ހިދުމަތް ލިބެމުންދާނެއެވެ.

Advertisement

ކޮމެންޓް