ވޯޓްއޮޅުވައިލީ ކާކު؟ އޮޅުވައިލީ ރައީސްގެ ޕާޓީން ރައީސަށް

04 Oct 2018 | 13:41

ވޭތުވެދިޔަ ދެ ރެއެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއިން އެޕާޓީގެ ހެންވޭރު އޮފީސް ކުރިމަތީގައި ޕާޓީގެ ބައެއް މެމްބަރުން ވާރެޔާއި ތެމިގެން ވަރަށް ޖޯޝްގައި އިހްތިޖާޖްތަކެއް ކުރަމުންދާތަން ފެނެއެވެ. އިހްތިޖާޖްގެ އެންމެ ޚާއްސަނަމަކަށް އޮންނަނީ އޮޅުވައިލި ވޯޓެވެ. ރިޔާސީ އިންތިޚާބުގައި ވެރިކަމުގައި އޮތް ޕީޕީއެމްއަށް ލިބުނު ބޮޑު ނާކާމިޔާބުގައި އިލެކްޝަންސް ކޮމިޝަނުން ކަންތައްތަކެއް އޮޅުވާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އީޑިއޯ ކްލިޕަކާއި ގުޅިގެން ޕީޕީއެމްއިން ތުހުމަތު ކުރެއެވެ. ޚުދު ރައީސް އަބްދުﷲ ޔާމީންވެސް އެގޮތަށް ތުހުމަތުކުރައްވައި އެޕާޓީއަށް ތާއީދުކުރާ މީހުން ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. އޮޅުވައިލި ވޯޓްގެ ނަމުގައި ޕީޕީއެމްގެ ލީޑަރ ޝިޕުން އެޕާޓީގެ ސަޕޯޓަރުން ގޮވައިގެން މަގުމައްޗަށް މިނުކުންނަނީ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި މިހާރު ލިބިފައިވާ 95 ހާސް ވޯޓަށްވުރެ ގިނަ ވޯޓް ލިބޭނެކަމަށް ބުނެ ވީޑިއޯ ކްލިޕްގައި އެދައްކާ ވާހަކައިގެ ހަގީގަތް ހާމަކުރުމަށް އިލެކްޝަންސް ކޮމިޝަން ޖަވާބު ދާރީ ކުރުވުމަށް ކަމަށް ބުނެއެވެ.

އިންތިޚާބުގެ ނަތީޖާ ނުކުތުމުން ރައީސް ޔާމީންވަނީ ބަލި ގަބޫލުކުރައްވައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެ އަދި ޓްރާންސިޝަންގެ ކަންކަން އޮމާންކޮށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހެން އެކަން ހިގަމުންދަނިކޮށް މިހާރު އޮޅުވައިލި ވޯޓްގެ ނަމުގައި މިކުރަނީ ކޮންކަމެއް ހެއްޔެވެ. އޮޅުވައިލީ ކޮންވޯޓެއް ހެއްޔެވެ. އޮޅުވައިލި ވޯޓްގެ ސެންސެއް އަދި އެއް މޭކެއް ނުކޮށްދެވެއެވެ. އޮޅުވާލީ ކިހިނެތް ހެއްޔެވެ. ނަތީޖާއަކަށް އަންނާނީ ކޮންބަދަލެއް ހެއްޔެވެ.

އޮޅުވައިލި ވޯޓޭ ބުނާއިރު އިންތިޚާބުގެ ކަންކަން ހިގައިދިޔަ ގޮތާއިމެދު ޕީޕީއެމުން އެއްވެސް ޝަކުވާއެއް ކޮށްފައި ނުވެއެވެ. ރާއްޖޭގެ ވޯޓްލާ އާބާދީގެ 85 ޕަސެންޓް މީހުން ވޯޓްލާން ނުކުތްކަމަށް ދައްކައެވެ. ވޯޓްލުމަށް މީހަކު ރަޖިސްޓްރީކޮށްފައިވާ ފޮށިނޫން އެހެން ފޮށްޓަކަށް ރަޖިސްޓްރީ އޮވެގެން ޝަކުވާތަކެއް އައިސްފައެއް ނުވެއެވެ. ޔަގީނުންވެސް ޕީޕީއެމްއަކުން އެޝަކުވާއެއް ވޯޓްލީދުވަހު ދައްކާފައެއް ނުވެއެވެ. ވޯޓްފޮށިތައް ކައިރީގައި އެހެންޕާޓީތައް ފަދައިން ޕީޕީއެމްގެ އޮބްޒާވަރަކު އިނެވެ. ވޯޓްލީ އޭނާގެ ކުރިމަތީގައެވެ. ވޯޓްގުނައި ކަރުދާސްކޮޅު ދައްކައި ދެކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓް ދެކެންޑިޑޭޓުންނަށްވާގޮތަށް ބައި އެޅީ އޭނާގެ ކުރިމަތީގައެވެ. ނަތީޖާ އިއުލާންކުރީ އޭނާގެ ކުރިމަތީގައެވެ. ނަތީޖާ އިއުލާންކުރީމައި އެނަތީޖާއިން ދެއްކިގޮތުން ބަލިވެވަޑައިގަތީކަމަށް ޔަގީންވެވަޑައިގަތުމުން ރައީސް ޔާމީން އެނަތީޖާ ގަބޫލުފުޅުކުރެވީއެވެ. އޮޅުމެއް އެބަ އޮތްތޯއެވެ. ނެތެވެ. ދެން ކޮންކަމެއްހެއްޔެވެ.

އާއެކެވެ. އިންތިޚާބުން ބަލިވެވަޑައިގަތުމަކީ އެއްގޮތަކަށްވެސް ރައީސް ޔާމީން އުއްމީދުކުރައްވައިގެން ހުންނެވި ގޮތެއް ނޫނެވެ. އެމަނިކުފާނުގެ އަރިސްބޭފުޅުން ހިސާބުޖެހީމައި ނުކުތީ ވޯޓްގެ 70 ޕަސެންޓް ލިބިވަޑައިގަންނަވާނެކަމަށެވެ. ހުރިހައި ފަހަރު ނެގި ޕޯލްތަކުންވެސް ދެއްކިކަމަށް ދަންނަވާފައިވަނީ 70 ޕަސެންޓެވެ. އެހެންވީމާ 70ގެ ތެރެއިން 10 ޕަސެންޓް ކަނޑުއްވާ އެއްލައިލުމުންވެސް ހޮވިވަޑައިގަންނަވާނެއެވެ. ހޮވޭނެކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. އެހެންއެކަންއޮވައި ތިރީސް ހާހުގެ ބޮޑު ތަފާތަކުން ވޯޓްލީ މީހުންގެ 41 އިންސައްތަ ލިބިވަޑައިގަތީމާ ގަބޫލުފުޅު ނުކުރެއްވެނީއެވެ.

މިކަންކަމަށް ބަލާއިރު އޮޅުވައިލިކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު އޮޅުވައިލީ އިލެކްޝަންސް ކޮމިޝަނަކުން ނޫނެވެ. އޮޅުވައިލީ ރައީސްގެ އަމިއްލަ ފުޅުގެ ޕާޓީން ރައީސްއަށެވެ. އެހެންވީމާ ޕާޓީގެ އޮފީސް ކުރިމައްޗަށް ސަޕޯޓަރުން އެއްވެ ގޮވާގޮވުންތައް އަސްލު ރައްދުވަނީ ޕާޓީގެ އިސްވެރިންނަށެވެ. ކެމްޕެއިންގެ ކަންކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށެވެ. ކެމްޕެއިން މެނޭޖަރު އަދުލީއަށެވެ. ބަލިވިބަލިވުމަކީ ލަދުވެތި އަދި ރައީސް ޔާމީންއަށް ހިތްޕުޅު ހަލާކުވާފަދަ ބަލިވުމެކެވެ. ރިވެތި ގޮތަކީ ބަލި ގަބޫލުފުޅުކުރެއްވުމެވެ. މިހާރު ކުރާ އިހްތިޖާޖްތަކުގެ ނަތީޖާ އެދަނީ ފެންނަމުންނެވެ. ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރީއެވެ. ދެން ނުކުންނާނެނަތީޖާއަކީ ރައީސް ޔާމީނަށް ވޯތްދިން ރައްޔިތުންގެ ނުރުހުމާ ކުރިމަތިވެވަޑައިގެންނެވުމެވެ. އޭރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނުކުންނާނީ އަދި މާ ދަށްނަތީޖާއަކަށްވުމަކީ ގާތްކަމެކެވެ.

Advertisement

ކޮމެންޓް