Advertisement

ބެން އެފްލެކް ގެ ބަދަލުގައި "ބެޓްމޭން" ރޯލުން ފެނިގެންދާނީ ޖޭކް ޖިލެންހޯލް؟

13 Feb 2019 | 10:47

ކްރިސްޓިއަން ބޭލް އަށް ފަހު "ބެޓްމޭން" ގެ ރޯލުން ފެނިގެންދިޔަ އެކްޓަރ ބެން އެފްލެކް ވަނީ އޭނާ ދެން އެ ރޯލް ނުކުޅޭނެކަމަށް ފޭނުންނަށް ކަށަވަރުކޮށްދީފައެވެ. "ބެޓްމޭން ވ ސުޕާރމޭން: ޑޯން އޮފް ޖަސްޓިސް" އަދި "ޖަސްޓިސް ލީގް" އާއި "ސުއިސައިޑް ސްކޮޑް" ފަދަ ކާމިޔާބު ފިލްމުތަކުގައި "ބެޓްމޭން" ގެ ބައިން ވިދާލި އެފްލެކް ވަނީ، "ދަ ބެޓްމޭން" ނަމުގައި އުފައްދާ ވަކި ފިލްމެއްގައި ބެޓްމޭން ގެ ދައުރު ކުޅެން އިންކާރުކޮށްފައެވެ. އަދި ކޮމިކް ބުކް އުފެއްދުންތައް ލޯބިކުރާ ފަރާތްތަކުން ބުނާގޮތުގައި، އެފްލެކް ދޫކޮށްލި ރޯލް ލިބިގަތުމަށް ވާދަކުރާ ބައިވަރު ފަންނާނުންތަކެއް އެބަ ތިއްބެވެ. އަދި އާންމުންގެ ގިނަ ބަޔަކު ދަނީ މި ރޯލް ކުޅަދާނަ އެކްޓަރ ޖޭކް ޖިލެންހޯލަށް ދިނުމަށް ފިލްމުގެ އުފެއްދުންތެރިންނަށް ގޮވާލަމުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޖިލެންހޯލްގެ "ލުކް" އަކީ ދެން އަންނަ ބެޓްމޭން އާއި އެންމެ އެކަށީގެންވާ، އެންމެ ގުޅޭ ލުކް އެވެ.

މީގެއިތުރުން ދެން "ބެޓްމޭން" ގެ ރޯލުން ފެނިދާނެ ފަރާތްތަކުގެ ތެރެއިން އިނގިރޭސި އެކްޓާރ ރޮބާރޓް ޕެޓިންސަންގެ ނަން ފާހަގަކޮށްލެވެއެވެ. އޭނާއަކީ އާންމުންގެ މެދުގައި މަޤްބޫލު "ޓްވައިލައިޓް" ފިލްމުތަކުގައި "އެޑްވާޑް ކަލެން" ގެ ބައި އަދާކުރި ހުނަރުވެރި ފަންނާނެވެ.

ބެން އެފްލެކް އަަސްލު ތައްޔާރުވަމުންދިޔައީ އަލަށް ތައްޔާރުކުރާ ފިލްމް "ދަ ބެޓްމޭން" ޑައިރެކްޓްކުރުމަށެވެ. އެހެންނަމަވެސް އޭނާއަށް އެ ފުރުސަތު ވަނީ 2017 ވަނަ އަހަރު ގެއްލިފައެވެ. އަދި އޭގެ ފަހުން ޑައިރެކްޓާރ ކަން ހަވާލުކުރި މެޓް ރީވްސް ("ކްލޯވާރފީލްޑް") ވަނީ އެފްލެކް ފިލްމަށް ޙާއްސަކޮށް ތައްޔާރުކުރި ސްކްރިޕްޓް ބޭނުން ނުކުރަން ނިންމާފައެވެ. ކޮންމެއަކަސް، "ދަ ބެޓްމޭން" އިން ދެން ފެންނާނީ މުޅިން އާ މޫނެކެވެ. މި ފިލްމުގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުން މިހާރު ފިލްމު ނެރެން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް

Advertisement