Advertisement

ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި

13 Feb 2019 | 22:01

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގްގެ މައްސަލައިގައި ދައުވާ އުފުލައިފިއެވެ.

މި މައްސަލަ ޕީޖީގެ ފަރާތުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެހުންނެވި މުއްދަތުގައި ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތައް ހިންގާފައިވާކަމުގެ ތުހުމަތުކުރެވި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ފުލުހަށް މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާ ކުރުމުން، އެ ފައިސާ ލައުންޑަރކޮށް، އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ފުުލުހުން ބުނީ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާގެ ގޮތުގައި ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ މައުލޫމާތު ތަހުގީގަށް އެނގިފައިވާކަމަށެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށާއި، އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލު ކުރުމަށް ރައީސް ޔާމީންގެ އަރިހުގައި ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުނުކޮށް، އެމަނިކުފާނުގެ ނަމުގައި އެ ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

Advertisement

ކޮމެންޓް