Advertisement

"މޭރީ ކުއީން އޮފް ސްކޮޓްސް": 16 ވަނަ ގަރުނުގެ ރާނީގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެއް!

15 Feb 2019 | 13:32

ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމް "މޭރީ ކުއީން އޮފް ސްކޮޓްސް" އަކީ ތާރީޚީ ރަނިކަނބަލުން ކަމަށްވާ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބެތް I އަދި އޭރު ސްކޮޓްލެންޑްގެ ރާނީ މޭރީ ސްޓުއާރޓްގެ ދިރިއުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އޭނާގެ ފިރިމީހާ އަދި ފަރަންސޭސް ވިލާތުގެ ރަސްގެފާނު ނިޔާވުމުން، މޭރީ ސްޓުއާރޓް މިސްރާބުޖަހަނީ އޭނާއަށް ހައްޤުވާ ސްކޮޓްލެންޑްގެ ތަޚުތު ލިބިގަތުމަށެވެ. އަދި އޭރު ސްކޮޓްލެންޑްގެ ރާނީއެއްގެ މަގާމުގައި ހުރީ މޭރީގެ ދެބެންގެ ދެދަރި ދައްތަ އަދި އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތް ކަމަށް ވުމުން، މޭރީ އާއި އެލިޒަބެތް ދެމެދު ޖެހޭ މައްސަލަތަށްވެސް މި ފިލްމުން ދައްކުވައިދެއެވެ.

މި ފިލްމުގެ އިސް ރޯލްތަކުން ފެނިގެންދާނީ މޭރީގެ ރޯލުން ސޭރޝާ ރޯނަން އަދި ކުއީން އެލިޒަބެތްގެ ރޯލުން މާރގޯ ރޮބީއެވެ. އަދި މިހާތަނަށް ފިލްމު ބަލާފަތިބި ފަރާތްތަކުން ދަނީ މި ދެ ތަރިން ފިލްމުގައި ދައްކުވައިދޭ އަސްލާއި ގާތްކުރާ އެކްޓިންގް ހުނަރަށް ތަޢުރީފުކުރަމުންނެވެ.

ފިރިކަލަކާއި ދަރި އެއް ނެތުމުން އެލިޒަބެތްގެ ރަސްކަން ހީނަރުވެފައިވާ ދަނޑިވަޅެއްގައި، މޭރީ ފަދަ ވަރުގަދަ ލީޑަރަކު އޭނާއާއި ދެކޮޅަށް ނުކުތުމުން އެލިޒަބެތްގެ ގަނޑުވަރުތެރެ ހަލަބޮލިވާ މަންޒަރުތައް ހިމެނޭ މި ފިލްމުގައި، އެންމެ ފުރިހަމަ ހުށެހެޅުމެއް ފެނިފައިވަނީ ސޭރޝާ ރޯނަންގެ ފަރާތުންކަމަށް ބެލުންތެރިން އެއްބަސްވެއެވެ.

ސިޔާސީ ހަލަބޮލިކަމާއި ދީނީ އަދި ޖިންސީ ތަފާތުކުރުމުގެ ތެރެއިން މި ދެ އަންހެން ރާނިކަނބަލުންގެ ވާހަކަ ދައްކުވައިދޭ "މޭރީ ކުއީން އޮފް ސްކޮޓްސް" އަކީ ތާރީޚަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ އުފެއްދުމެކެވެ. އަދި ވަރުގަދަ ސަޕޯޓިންގް ކާސްޓް އަކާއި އެކު ތައްޔާރުކުރެވިފައިވާ މި ފިލްމަކީ، އިންސާނީ ތާރީޙުގައި ހިނގައިފައިވާ އަސްލު ކަންތަކަށާއި، ތަޖުރިބާކާރު ފަންނާނުންގެ އެކްޓިންގް ހުނަރުގެ މައްޗަށް ބުރަވާ އުފެއްދުމެކެވެ. އޭރުގެ ރަސްރަސްކަލުންގެ އުޅުމާއި، ރީތި މަންޒަރުތައް ސިފަކުރުމުގައި މޮޅު ސެޓްތަކާއި ތާރީޚީ ހެދުންތައް ބޭނުންކުރާ މި ފިލްމުވެގެންދާނީ، ފިލްމުގައި ދައްކުވައިދޭ ފަދަ ތާރީޙީ ވާހަކަތަކަށް ޝައުގުވެރިވާ ބެލުންތެރިން ގަޔާވާނެ ފަދަ އުފެއްދުމަކަށެވެ.

Advertisement

ކޮމެންޓް