ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން 12 މެންބަރުގެ ބައި އިލެކްޝަން މަޑުޖައްސާލަން އީސީއިން ނިންމައިފި

03 Oct 2018 | 20:28

12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ބައި އިލެކްޝަން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް މި ނިންމީ ސްޕްރީމް ކޯޓުން އެ ދާއިރާތަކާމެދު ގޮތެއް ނިންމަންދެނެވެ. ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަކަށް މިކަން މިހާރު އަންގާފައިވާނެކަމަށްވެސް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަން ކޮމިޝަނުން ފުރަތަމަ ނިންމީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭރު އެގޮތައް ނިންމީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އެއްގޮތަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. ރަޖިސްޓަރީ ވެފައިވާ ޕާޓީއިން ވަކި ކޮށްފިނަމަ ނޫނީ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލު ވެއްޖެނަމަ އެ ހުކުމުގަ ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.

އެ މައްސަލަ ހިފައިގެން މަޖިލީހުގެ ހަތަރު މެންބަރަކުވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. ސުޕްރީމް ކޯޓުން އެފަހަރު ނިންމާފައިވަނީ އެ މައްސަލާއިގަ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް ބުނެއެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުގެ މަތިން 12 މެންބަރުންގެ ގޮނޑި ނުގެއްލޭގޮތަށް ނިންމިއެވެ. ނަމަވެސް އެ އަމުރުގެ އެބައިވަނީ މާގިނަ ދުވަހެއްނުވެ ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައެވެ. ބަންޑަރަ ނައިބުގެ އޮފީހުން އެ ކޯޓު އަމުރު ބާތިލްކުރަން ސުޕްރީމްކޯޓަށް ދިޔުމުން އެ ކޯޓުން ނިންމައިފައިވަނީ އެ ހަތަރު ބޭފުޅުންގެ މައްސަލައިގާ ހުކުމެއް ކުރަން ޖެހޭކަމަށާއި އެއީ އެފަދަ މައްސަލަތައް ނިންމާނީ ސުޕްރީމް ކޯޓުންކުރާ ހުކުމުގެ މަތިން ކަމަށެވެ.

މި ހަތަރު މެންބަރުންގެ މައްސަލަތަކުގެ އަޑު އެހުންތައް ވަނީ މި ހިނގާ ހަފްތާތެރޭ ބާއްވާފައެވެ. މި މައްސަލަތަކުގައި ބާކީ ދެން އޮތީ ހުކުމް ކުރުމެވެ.

ދެން ތިއްބެވި އަށް މެންބަރުންގެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.  

Advertisement

ކޮމެންޓް