ހެންވޭރު ދެކުނުދާއިރާ: މަޖިލީހުގެ ތަޅުން މިނިވަން ކުރުމަށް އަބްދުﷲ އަފީފު

17 Feb 2019 | 20:55

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާއަށް އަބްދުﷲ އަފީފު ވާދަކުރައްވަން ނިންމަވައިފިއެވެ.

"އަހަރެމެންގެ ކެކުޅުންތައް ތަހައްމަލް ކުރާ އަހަރެމެންގެ ތައުލީމީ ދަރިއެއް" ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ އަބްދުﷲ އަފީފަކީ ތައުލީމީ ޒުވާނެކެވެ.

އެކި ދާއިރާތަކުން ތައުލީމް ހާސިލް ކޮށްފައިވާ އަބްދުﷲ އަފީފު ވަނީ ތައުލީމީ ދާއިރާއަށްވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އިތުރުންވެސް އޭނާއަކީ އެކިދާއިރާތަކުގައި ވަޒީފާ އަދާކުރައްވާފައިވާ ތަޖުރިބާކާރު ޒުވާނެކެވެ.

އެބޭފުޅާ ވަނީ ޕޯޗްގަލްގެ ޔުނިވަރސިޓީ އޮފް ލިސްބަންއިން އާބަން ޕްލޭނިން އެންޑް ޓެރިޓޯރިއަލް ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކޮށްފައެވެ.

އަފީފު ވިދާޅުވި ގޮތުގައި އޭނާ އެދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވަނީ މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިބި ގިނަ މެންބަރުންނަކީ އަމިއްލަ ފައިދާއަށް މަސައްކަތްކޮށް ޕާޓީތަކުގެ ނުފޫޒުންނާއި، ވިޔަފާރިވެރިންގެ ނުފޫޒުން، މަޖިލީހުގެ ތަޅުން ހަރާބުކޮށްފައިވާ ބަޔަކަށް ވަތީ އެ މެންބަރުންގެ ނިންމުންތަކުގެ ސަބަބުން ގައުުމު ނުރައްކާތެރި ހާލަކަށް ވެއްޓިފައިވާތީ މަޖިލީހުގެ ތަޅުން މިނިވަން ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އަފީފަށް ވޯޓްދޭންވީ ސަބަބެއް ކަމަށް އޭނާ ފާހަގަކުރައްވާފައިވަނީ އެބޭފުޅާއަކީވެސް އެހެން ރައްޔިތުންނެކޭ އެއްފަދައިން ދާއިރާގެ ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ފަރުދަކަށް ވާތީއާއި އަދި ދާއިރާގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ކެކުޅުންތައް ބަރުދާސްކުރަމުންދާ ފަރާތަކަށް ވާތީ ކަމަށެވެ. އަދި އެބޭފުޅާ މަޖިލީހަށް ކުރިމަތިލާނީ ދާއިރާގެ އިޖުތިމާއީ އަދި މާލީ ހާލަތު ދެނެހުރެ އެހާލަތްތައް ބަދަލުކުރުމުގެ ބޭނުމުގައި ކަމަށްވާތީ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

އަފީފާއި އަފީފުގެ އަންހެނުންގެ އާއިލާއަކީ އެ ދާއިރާއަށް އުފަން އެ ދާއިރާގައި ދިރިއުޅެމުން އަންނަ އާއިލާއެއް ކަމަށްވުމާއެކު، ދާއިރާގެ ހާލަތު ވަރަށް ގާތުން އިނގޭކަމަށް އަފީފު ވަނީ ފާހަގަކުރައްވާފައެވެ. ބޯހިޔާވަހިކަން ހޯދުމުގައި ހުރި ދަތިތަކާއި،ދިރިއުޅުގެ ޚަރަދު ބަރަދު ދެކޮޅު ޖެއްސުމުގައި ހުރި ގޮންޖެހުންތަށް ތަޖުރިބާކޮށްފައިވާ މީހެއްކަމަށް އަފީފު ވަނީ ވިދާޅުވެފައިވެއެވެ. ދާއިރާގެ އިޖުތިމާއީ ފޭރާން ދަށްވެ، ހަމަހަމަ ފުރުސަތުތަކެއް ނުލިބި ޒުވާނުން ކުށުގެ ވެއްޓަށް ދިއުމުގެ ކަންބޮޑުވުމާއި، ހާސްކަން ތަޖުރިބާ ކުރި ފަރާތެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ދާއިރާގައި ހުރި އެފަދަ މައްސަލަތައް އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އޭނާ ވާނެކަމަށްވެސް އަފީފުވަނީ ފާހަގަކުރައްވާފައެވެ.

ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު މަޖިލީހުގައި އުފުލާ އެކަމަށް ބޭނުންވާ ގާނޫނީ ހައްލުތައް މަޖިލީހުގެ ތެރެއިން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަފީފު ވަނީ ވިދާޅުވިއެވެ. އެއްވެސް ނުފޫޒަކަށް ބޯނުލަބައި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް