Advertisement

ކެބްއެމްވީ: މަގުމަތީ އަތްހޫރުވުން ހުއްޓުވުމަށް!

22 Feb 2019 | 01:26

ތޮއްޖެހިފައިވާ މާލޭގެ މަގުތަކުން ޓެކްސީއެއް ހޯދުމަކީ ކުރުގޮތަކަށް ދަންނަވަނީނަމަ ތުރާލެކެވެ. އަމިއްލަ ވެހިކަލެއް ނެތި ދުރުހިސާބަކަށް ދާންޖެހިއްޖެނަމަ ޖެހޭނީ ޓެކްސީ ސެންޓަރުތަކަށް ގުޅާށެވެ. ޓެކްސީ ސެންޓަރުތަކަށް ގުޅުމަށްވުރެ ފާރަކަށް ގުޅުންވެސް ބައެއްފަހަރު އައުލާކަން ބޮޑެވެ.

އެހެންކަމުން ގިނަަފަހަރު ޖެހެނީ ރަތެއްތޯ ފެއްސެެއްތޯ ނުބަލައި، މަގުމަތީގައި އަތްހޫރުވަން ހުންނާށެވެ. މިހެން ހުރެ ގަޑިޖެހޭ ފަރާތްތައް ވަކި މަދެއް ނުވާނެއެވެ.

ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް ދިވެހި ޒުވާނުންކޮޅެއް އަތުކުރި އޮޅާލައި، މުޖައްރިބު ފަރުވާއެއް ގެނެސްފިއެވެ. ބަވަނަވަމުންދާ ދުނިޔޭގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްެގެން ދިވެހިންގެ އަތްހޫރުވުން ހުއްޓުވައިދީފިއެެވެ. އާދެ، އަހުމަދު ހަބީބާއި އޭނާގެ ޓީމުން ކެބްއެމްވީގެ ނަމުގައި ޓެކްސީ އެޕެއް ތައާރަފްކޮށްފިއެވެ.

ވޮއިސްއަށް މައުލޫމާތުދެމުން ކެބްއެމްވީގެ ފައުންޑަރ ހަބީބް ވިދާޅުވީ އެ އެޕްލިކޭޝަނަކީ، ޓެކްސީ ކާރު، ޓެކްސީ ސައިކަލް، ޓެކްސީ ޕިކަޕް އަދި އެހެނިހެންވެސް އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތައް އޮންލައިންކޮށް ކުއްޔަށް ހޯދުމާއި ދޫކުރުމުގެ މަގްސަދުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް ތަރައްގީކޮށްފައިވާ އެެޕެއްކަމަށެވެ.

މި އެޕްލިކޭޝަނަކީ ޑްރައިވަރާއި ދަތުރުވެރިން، ދެފަރާތަށްވެސް ބޭނުންކުރެވޭނެގޮތަށް ފަރުމާކުރެވިފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން މުއްދަތުހަމަނުވާ ޑްރައިވިންގް ލައިސަންސެއް އޮންނަ ކޮންމެ ފަރާތަކަށްވެސް މި އެޕްލިކޭޝަންއަށް ލައިސަންސް އަޕްލޯޑްކުރުމަށްފަހު، ކެބްއެމްވީން ހުއްދަ ދިނުމުން ދުއްވޭނެއެވެ.

މި އެޕްލިކޭޝަން ދޫކޮށްލިތާ މިވީ ތިންދުވަހުގެ ތެރޭގައި 400އެއްހާ ފަސިންޖަރުންނާއި ވަނީ މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިކަމަށް ހަބީބް ބުންޏެވެ. އަދި އިތުރު ޑްރައިވަރުންނަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

ކެބްއެމްވީ މަސައްކަތްކުރާ ގޮތަކީ ދުނިޔޭގެ މިފަދަ މަޝްހޫރު އެޕްތައްކަމުގައިވާ ގްރެބްއާއި އޫބަރވެސް މަސައްކަތްކުރާ ފަަދައިންނެވެ. އެގޮތުން ހުރިތަނާއި ދާން ބޭނުންވާ މަންޒިލް ޖަހާލުމަށްފަހު، ބޭނުންވާ ވެހިކަލް ޚިޔާރުކުރުުމުން އެބާވަތުގެ އެންމެ ކައިރިން އޮތް ވެހިކަލުން އެފަރާތުގެ ދަތުރު ގަބޫލުކުރާނެއެވެ. އެއަށްފަހު ޑްރައިވަރ އަންނަ ތަނާއި، ދަތުރު ކުރިއަށްދާނެ މަގުވެސް މި އެޕްލިކޭޝަނުން ފެނިގެންދާނެއެވެ.

މި އެޕްލިކޭޝަންގެ ސަލާމަތީ ފިޔަަވަޅު ވަރުގަދަކޮށްފައިވާއިރު، ފަސިންޖަރުންނާއި ޑްރައިވަރުންގެ އިމަރޖެންސީ ބަޓަނަކާއި، ޖީޕީއެސް ޓްރެކިންގް ވަނީ ހިމެނިފައެވެ.

މާލޭގައި މިވަގުތު ޓެކްސީއެއް ލިބުނަސް ދިމާވާ މައްސަލައަކީ ބައެއްފަހަރު ފައިސާ މާރުނުވުމެވެ. ނަމަވެސް ކެބްއެމްވީއިން އޮންލައިން ޕޭމަންޓް ގޭޓްވޭތަކައި އެކު މަޝްވަރާކުރަމުން އަންނަކަމަށް މައުލޫމާތުދެއެވެ. އެގޮތުން ބީއެމްއެލްގެ އޮންލައިން ޕޯޓަލްއާއި އުރީދޫ ނުވަތަ ދިރާގު މެދުވެރިކޮށް ފައިސާ ދެއްކޭނެ ޚިދުމަތް ކައިރި މުސްތަގްބަލެއްގައި ހިމެނޭނެކަަމަށްވެސް ހަބީބް ބުންޏެވެ.

ކެބްއެމްވީގެ ދަތުރުތަކުގެ އަގުތަައްހުރީ ރަނގަޅު ފެންވަރެއްގައެވެ. އެގޮތުން މާލެ ތެރޭގެ ދަތުރުތަކަށް 25ރުފިޔާ، ހުޅުމާލެއަށް 80ރުފިޔާ އަދި އެއާޕޯޓަށް ދިޔުމަށް 65 ރުފިޔާއެވެ. "މިވަގުތު ހަމައެކަނި މާލެ ހުޅުމާލެއަށް މި ޚިދުމަތްދިނަސް، ކައިރި މުސްތަގްބަލްގައި ރާއްޖޭގެ އެހެން ބޮޑެތި ސިޓީތަކަށް ތައާރަފްކުރާނަން"، ހަބީބް ބުންޏެވެ.

މިވަގުތު ޕްލޭ ސްޓޯގައި ލިބެން ހުއްޓަސް އެޕް ސްޓޯއިން ހަފްތާއެއްތެރޭގައި ޑައުންލޯޑަށް ހުޅުވިގެންދާނެކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އައިފޯން ބޭނުން ކުރާ ފަރާތްތަކަށް ކެބް.އެމްވީ އިން ހިދުމަތް ހޯދޭނެކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

ދެން މީގެ ފަހުން އަތްހޫރުވައިގެން ވާޅުވާކަށް ނުޖެހޭނެއެވެ. ދެތިން ފަހަރު ފޯނާއި ކުޅެލުމުން ބޭނުންވާ ވެހިކަލްއެއް ތިމާއަށްޓަކައި ހާޒިރުވާނެއެވެ. ކެބްއެމްވީއިން އެ ބަދަލު ގެނެސްދީފިއެވެ.

Advertisement

ކޮމެންޓް

Advertisement