މަހްލޫފަކީ ގުރުބާންކުރެވޭ ކަންބަޅިއެއްބާ؟!

17 Feb 2019 | 22:30

ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި ފެބްރުއަރީ މަހުގެ 12 ވަނަ ދުބަހު އިއުލާންކުރެއްވި "ޒީރޯ ޓޮލަރެންސް ކެމްޕެއިން"އަށް މަރުހަބާ ނުކިޔަންވީ ކީއްވެގެންތޯއެވެ. އެކެމްޕެއިންގެ ފަހަތުގައިވަނީ ދިވެހި ރާއްޖޭގައި އެވޭލާޒަމާނުއްސުރެ އުފެދި އަށަގަނެ އެމަނިކުފާނާހަމައަށް ދެމިގެން މޫލައި ހަރުވެފައިހުރި ކޮރަޕްޝަން ކެންސަރުގެ މޫތައް ލުހެލައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ތާހިރުކުރުންކަމަށްވާތީއެވެ.

ކެމްޕެއިން ފެށުނީ ރިވެތި މިސާލަކުންނެވެ. އެކެމްޕެއިންފެށިތާ ދެވަނައަށްވީ ދުވަހު އާދެ، ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ސޯލިހް އެމަނިކުފާނުގެ ކެބިނެޓްގެ އެންމެ އަޑުހަރު ޒުވާން މިނިސްޓަރު އަހުމަދު މަހްލޫފާއި އަމިއްލަފުޅު ޕާޓީގެ އެންމެ ހާޑުކޯ އަދި ޕާޓީގެ މައުތު ޕީސްކަމުގައިވާ ރާއްޖެޓީވީގެވެސް ފައުންޑަރ އަކްރަމް ކަމާލުއްދީންގެ މައްޗަށް ތުހުމަތުކުރެވުނު ކަރޮޕްޝަންގެ މައްސަލައެއްގައި ވަޒީފާއިން ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އަންގަވާފައިވެއެވެ.

އެކަމަކު މަހްލޫފާއިމެދު އުފެދެނީ ހަމްދަރުދީއެކެވެ. އޭނާއަކީ ނިމިދިޔަ ސަރުކާރުގެ ވެރިންގެ ކޮރޮޕްޝަންއާއިދެކޮޅަށް އެންމެ ގަދަޔަށް އެންމެ ޖޯޝާއެކު އަޑު އުފުއްލެވި ފަރާތެވެ. އެއްދުވަހަކު ފޭކްޑޮލަރުގެ ކަރުދާސްތަކެއް ވަރަށް ގިނަ އަދަދަކަށް ޕްރިންޓްކޮށްގެންގޮސް ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ އަމިއްލަގެކޮޅު ދޫވެހިގެ ކުރިމަތިން މަގުމައްޗަށް ފުރެންދެން އަޅައި ނޫސްތަކުގެ ހެޑްލައިނުން ޖާގަހޯއްދެވިއެވެ. އޭރަކު އަދި، އެހާގިނަ އަދަދެއްގެ އަސްލު ޑޮލަރު، ވަގުވިޔަފާރިކުރި އެސްއޯއެފް ޕްރައިވެޓްލިމިޓެޑުން ފައިސާމާރުކުރައްވައިގެން މަހްލޫފް ހޯއްދަވާފައިވާކަމެއް މީހުންނަކަށް ނޭނގެއެވެ. އެސްއޯއެފްއާއި އެއްވެސް ޑީލެއް ހައްދަވާފައިވާކަމަކަށް ވިދާޅެއްވެސް ނުވެއެވެ. ރައީސް އަބްދުﷲ ޔާމީންގެ އެމްއައިބީގެ އެކައުންޓަށް ވަދެފައިވާ އެއްމިލިޔަން ޑޮލަރަކީ ޔާމީން ގަބޫލުފުޅުކުރައްވާގޮތުގައި އަދީބު އަތުގައިހުރި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމްގެ ލާރިއެވެ. އަދީބްދީގެން އެލާރި ޖަމާ މިކުރުވަނީ އެސްއޯއެފްގެ މީހަކު ލައްވައެވެ. އެހެންވިޔަސް ޕީޕީއެމްގެ ލާރިކަމަށްވަންޏާ މައްސަލައެއް ނެތެއްނޫންތޯއެވެ. އެސްއޯއެފްއަކީ ދައުލަތުގެ ފައިސާ ވަގަށް ނެރުނު ކުންފުނިކަމަށްވިޔަސް މަހްލޫފްއަށް އެކަންނޭގި އެބައެއްގެ އަތުން ޑޮލަރުގަތީ ހަމަ ސައްހަ މަގުން ކަމުގައިވަންޏާ، އަދި އެސްއޯއެފްގެ ހަގީގަތް ނޭގޭކަމަށްވަންޏާ މައްސަލައެއް ނެތެއްނޫންތޯއެވެ. ފުލުހުން މިމައްސަލަ ތަހްގީގުކޮށް ނެރޭ ނަތީޖާއަކަށް ބަލަން ތިބެމާތޯއެވެ.

މަހްލޫފްއާއިމެދު ހަމްދަރުދީވަނީ އެހެންވެގެންނެއްނޫނެވެ. އޭނާއަކީ ގުރުބާންކުރެވުނު ކަންބަޅިއަކަށްވެދާނެކަމަށް މާބޮޑަށްވެސް މިހާރު އެބަހީވެއެވެ. އޭނާގެ ކުރިން ރައީސް ފިޔަވަޅު އަޅުއްވަންޖެހޭ އެއްބޭފުޅަކީ ރައީސްގެ ޚާއްސަ މަންދޫބު އަބްދުﷲ ޖާބިރަށް ނުވާންވީ ކީއްވެގެންތޯއެވެ. އޭނާގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ދައުލަތަށް 29 މިލިޔަން ޑޮލަރު ދައްކަން ޖެހެއެވެ. ޔޮޓް ޓުއާސްއަކީ ޔޮޓްޓުއާސްއެވެ. ކުރިން އެއީ ޖާބިރެވެ. މިހާރު އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ޔޮޓްޓުއާސްއިން ގެންގުޅޭ ރިސޯޓެއްކަމަށްވާ އަލިދޫގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފަހެއް ޕޮއިންޓް ހައެއް މިލޔަން ޑޮލަރަކާއި ކުލި ނުދެއްކުމުން ޖުރުމައިނާއަށް އަރާ 23.4 މިލިޔަންޑޮލަރު އެއް އަހަރު ދުވަހުގެތެރޭގައި ދައްކައި ނިންމަން 20 ޖޫން 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އެފައިސާ ޔޮޓް ޓުއާސްއިން ނުދައްކައި އޮވެ ޖާބިރުވަނީ ރާއްޖޭން ބޭރަށް އަރުވާލެވިގެންގޮސް އިގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުކަން ކުރައްވާފައެވެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ޚާއްސަ މަންދޫބެވެ. 29 މިލިޔަން ޑޮލަރު ނުދައްކާކަމަށްވަންޏާ އެފައިސާ ބޭނުންކޮށްގެން ހިންގާ މުއާމަލާތްތަކާއި އޭގެ ފައިދާވާނީ ކޮންގިންތިއެއްގެތެރެއަށް ވަންނަ އެއްޗަކަށްބާވައެވެ.

މަހްލޫފާއި އަކްރަމް ނޫނަސް ސަރުކާރުގެ އިސްވެރިންގެތެރޭގައި ދައުލަތުން ނަހަމަގޮތުގައި ފައިސާ ހޯދާފައިވާކަމަށް އޮޑިޓްރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ރިޝްވަތުގެ ފައިސާ ނަގާފައިވާކަމަށް ލީކުވެފައިވާ ޑޮކިއުމަންޓްތަކުން ގިނަ ބަޔަކަށް އެގޭ ރައީސް ސާލިހަށްވެސް އެމީހުންނަކީ ކޮންބައެއްކަން އެގޭ މީހުން އެބަތިއްބެވެ. ޒީރޯ ޓޮލަރެންސްގެ ދަށުން އެމީހުން ތާހިރުކުރަންޖެހެއެވެ. ނޫނީ މަހްލޫފް ފަދައިން ތަހްގީގުކޮށް ބަލައި ނިމެންދެން މަގާމުތަކުން ވަކިކުރަން ޖެހޭނެ ނޫންތޯއެވެ. ވަގު ފައިސާއަށް ވާނީ އެމްއެމްޕީއާރްސީގެތެރެއިން ނެގި ފައިސާ އެކަނިކަމަށްނުވާނެއެވެ. އެމީހުންނާމެދު އަޅާނުލެވޭކަމަށްވަންޏާ މަހްލޫފްވާނީ އެއެންމެންގެ ހައްގުގައި ހަމަ ގުރުބާންކުރެވޭ ކަންބަޅިއަކަށެވެ.

ކޮންމެއަކަސް ރައީސް ސާލިހް ފެށްޓެވި ކެމްޕެއިނަކީ އެދެވޭ ޕޮޒިޓިވް ފިޔަވަޅެކެވެ. އެމަނިކުފާނުގެ މިތިން މަސްދުވަހުގެ ވެރިކަމުގެތެރޭގައި އަދި ސަރުކާރުގެތެރެއިން ވައްކަމެއް ކުރި އަޑެއް ނީވެއެވެ. އެކަމަކު އެމްޑީޕީއާއި އަދި އެމަނިކުފާނުވެސް ފާއިތުވިތަނުގައި އެންމެ ބޮޑަށް ފާޑުކިޔަމުން އައި ބީލަމާއި ނުލައި ޕްރޮޖެކްޓްތައް އެވޯޑްކުރުމުގެ އުސޫލު އިކޮނޮމިކް މިނިސްޓްރީން އެވަނީ އަލުން މޭޒުމައްޗަށް ނެރެ އަމަލުކުރަން ތައްޔާރުކޮށްފައެވެ. ސަރުކާރުގެ ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ފެށުމަށްވެސް މިވަނީ ތައްޔާރުވެފައެވެ.

Advertisement

ކޮމެންޓް